09 މެއި 2017 - 17:58

އުރީދޫގެ ހިއްސާ ވިއްކުމާ ބެހޭ މައުލޫމާތު ދިނުމުގެ ހަފްލާއެއް އިއްޔެ ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
އުރީދޫން ބުނީ އެ ހަފްލާގައި އުރީދޫގެ ވިޔަފާރި ކުރިއެރުވުމާއި ކުރި އަށް ރޭވިފައި ހުރި ކަންކަމުގެ އިތުރުން މިހާރު ކުރި އަށް ދާ ހިއްސާ ވިއްކުމާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ.
އުރީދޫން ކަނޑައަޅާފައި ވަނީ ހިއްސާއަކަށް 30ރ. ގެ ރޭޓުން، ދޫކޮށްފައިވާ ހިއްސާގެ 15 ޕަސެންޓް ހިއްސާ ފުރަތަމަ ވިއްކުމަށެވެ. އެއީ 22,170,060 ހިއްސާ އެވެ. ނަމަވެސް މިހާރު ދޫކޮށްފައިވާ 15 ޕަސެންޓަށް ވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅައިފި ނަމަ 40 ޕަސެންޓް ހިއްސާާ ވިއްކާނެ ކަމަށް އުރީދޫން ބުންޏެވެ. އެއީ 59,120,160 ހިއްސާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް އުރީދޫން ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކަށް އަދި އިންވެސްޓަރުންނަށް ދޫކޮށްފައިވާ 40 ޕަސެންޓް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އުރީދޫ ހިއްސާގަތުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ވަނީ ގާއިމުކުރެވިފަ އެވެ. އެއީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކާއި، އުރީދޫ ބިޒްނަސް ޕާޓްނަރު ފިހާރަތަކާއި ޕޯސްޓް އޮފީސްތަކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް އަދި ލައިސަންސް ލިބިފައިވާ ޑީލިން ކުންފުނިތައް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.
ހިއްސާ ގަތުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫގެ ވެބްސައިޓުން ކޮންމެ ވަަގުތަކު ވެސް ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.