ސައުތު ކޮރެއާގެ އިންތިޚާބު މޫން ކާމިޔާބު ކުރައްވައިފި
ސައުތު ކޮރެއާގެ އިންތިޚާބު މޫން ކާމިޔާބު ކުރައްވައިފި

ސޯލް (މެއި 9) - ސައުތު ކޮރެއާގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބު މިނިވަން ޚިޔާލުގެ ކެންޑިޑޭޓް މޫން ޖައި-އިން ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކާ ގޮތުން ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާގެ ލީޑަރު މޫން އަށް ވަނީ 41.4 ޕަސެންޓް ލިބިވަޑައިގެންފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކޮންޒަވެޓިވް ކެންޑިޑޭޓް ހޮން ޖޫން-ޕައި އަށް އަދި ލިބިވަޑައިގެންފައި ވަނީ 23.3 ޕަސެންޓް ވޯޓެވެ.

މޫން އަކީ ސައުތު ކޮރެއާގެ މިހާރުގެ ސިޔާސަތު ބަދަލުކޮށް ވާދަވެރި ނޯތު ކޮރެއާއާ އެކު މަޝްވަރާތައް ފައްޓަވަން ބޭނުންފުޅުވާ ބޭފުޅެކެވެ. އޭނާ ވަނީ ނޯތު ކޮރެއާގެ މައްސަލަ ފިނިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުން ވެސް އެދިވަޑައިގެންފަ އެވެ.

ސައުތު ކޮރެއާގައި އާ އިންތިޚާބެއް ބާއްވަން ޖެހުނީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާ ޕާކު ގުއެން-ހައިގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އަރާ، ޕާލަމެންޓުން އެކަމަނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުންނެވެ. ޕާކުގެ މައްޗަށް މިހާރު ވަނީ ރިޝްވަތު ނެގި ކަމުގެ ދައުވާ އުފުލައިފަ އެވެ.

ސައުތު ކޮރެއާގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޕާކްއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ ވެސް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލް މޫން އެވެ.