އިންޑިއާގެ ހައި ކޯޓުގެ ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އިންޑިއާގެ ހައި ކޯޓުގެ ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކަލްކަތާ (މެއި 9) - ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރަކު ހަ މަހަށް ޖަލަށް ލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިއީ އިންޑިއާގެ ތާރީޚުގައި ވެސް ހައި ކޯޓުގެ ފަނޑިޔާރަކު ޖަލަށްލާން ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު ޗިންނަސްވާމީ ސްވަމިނާތަން ކަރްނާންގެ މައްޗަށް ވަނީ އެހެން ފަނޑިޔާރުންގެ އަގު ވައްޓާލަން މަސައްކަތް ކުރަން އުޅުނުކަން ސާބިތުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފަނޑިޔާރު ކަރްނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެމެދު ވަނީ މައްސަލަ އުފެދިފަ އެވެ. ފެބްރުއަރީ މަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އޭނާގެ ކިބައިން ވަނީ ނަގައިފަ އެވެ.

ފަނޑިޔާރު ކަރްނާންގެ މައްސަލަ ފެންމަތިވީ ޖެނުއަރީ މަހު ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އޭނާ ސިޓީއެއް ފޮނުއްވި ހިސާބުންނެވެ. އެ ސިޓީގައި އޭނާ ވަނީ "ކޮރަޕް" 20 ފަނޑިޔާރަކާއި ގާނޫނީ ދާއިރާގެ ތިން އޮފިޝަލެއްގެ ނަން ފާހަގަކޮށްފަ އެވެ. ސިޓީގައި ފާހަގަކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ނަމަވެސް އޭނާ ވަނީ އެ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފިޔަވަޅު އަޅައިދިނުމަށް ބޮޑު ވަޒީރުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށް ފަހު ވަނީ ޝަރުއީ ދާއިރާގެ މަސައްކަތުން އެއް ފަރާތްކޮށްފަ އެވެ. މި ނިންމުމާ އެކު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތަފާތު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ވަނީ ސަރުކާރުގެ ޑޮކްޓަރުންގެ ޓީމަކުން ކަރްނާންގެ ސައިކޭޓްރިކް ޓެސްޓެއް ހަދާ އޭނާގެ ހާލަތު ވަޒަން ކުރުމަށް އަންގައިފަ އެވެ. ރައްދުގައި ކަރްނާން ވެސް ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވެސް ސިކުނޑި ހަމަޖެހޭތޯ ޓެސްޓް ކުރުމަށް ގޮވާލައިފަ އެވެ. ކަރްނާން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތަފާތު ކުރާ ކަމަށް ބުނެ ހަތް ފަނޑިޔާރުން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ފަނޑިޔާރު ކަރްނާންގެ އެއްވެސް ބަޔާނެއް އާއްމު ނުކުރުމަށް އިންޑިއާގެ މީޑިއާތަކަށް އަންގައިފަ އެވެ.