އިމްރާން ޑައިރެކްޓަރަކަށް ވުމަށް ބޮޑުބޭބެ އާމިރުގެ އެހީތެރިކަން
އިމްރާން ޑައިރެކްޓަރަކަށް ވުމަށް ބޮޑުބޭބެ އާމިރުގެ އެހީތެރިކަން

ފިލްމީ ތަރި އިމްރާން ޚާން ބޮލީވުޑަށް ތައާރަފް ކޮށްދިނީ އޭނާގެ ބޮޑުބޭބެ އާމިރު ޚާނެވެ. އިމްރާންގެ ފުރަތަމަ ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ" އަކީ އިމްރާނަށް ޚާއްސަކޮށް އާމިރު ޕްރޮޑިއުސްކުރި ފިލްމެކެވެ. އޭގެ ފަހުން ފަހުން އިމްރާންގެ ފިލްމީ ކެރިއަރު ރަނގަޅު ކޮށްދެވޭތޯ އާމިރު ވަރަށް މަސައްކަތް ކޮށްދިނެވެ.

ނަސީބު ދެރަކަމުން، އިމްރާން ކުޅުނު ގިނަ ފިލްމުތައް ފްލޮޕްވެ އޭނާއަށް އިންޑަސްޓްރީގައި މާ ރަނގަޅު މަގާމެއް ހޯދޭގޮތެއް ނުވި އެވެ. އެހެންވެ އިމްރާން މިހާރު ވަނީ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށަން ނިންމާފަ އެވެ. މިކަމުގައި ވެސް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ބޮޑުބޭބެ އާމިރެވެ.

"ޑީއެންއޭ އާފްޓަ އަވާޒް"ގައި ބުނެފައިވާ ގޮތުގައި އިމްރާން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގެ މަސައްކަތުގައި ވެސް އާމިރު އަންނަނީ ވަރަށް ބޮޑަށް އޭނާއަށް އެހީތެރިވަމުންނެވެ.

"ކަޕޫރު އެންޑް ސަންސް"ގެ ވާހަކަ ލިޔުނު އައިޝާ ޑެވިޓްރޭއާ ގުޅިގެން އިމްރާން އުފެއްދުމަށް ތައްޔާރުވާ ފިލްމުގެ ސްކްރިޕްޓް ކިޔައި އާމިރަށް އެ ސްކްރިޕްޓް ވަނީ ކަމު ގޮސްފަ އެވެ. އެހެންވެ ފިލްމު ޑައިރެކްޓްކުރުމުގެ ރޮނގުން އޭނާގެ ހުރި ތަޖުރިބާތައް ކިޔައިދީ އިމްރާނަށް އެހީތެރިވުމަށް އާމިރު މަސައްކަތްކުރެ އެވެ.

ފިލްމީ ރޮނގުން އިމްރާން ފެނިފައި ވަނީ ކަންގަނާ ރަނާވަތާ އެކު ކުޅުނު "ކައްޓީ ބައްޓީ" އިންނެވެ. ނަމަވެސް އެ ފިލްމު ހިނގާ ގޮތް ނުވުމުން ބޮލީވުޑްގައި އެކްޓަރެއްގެ ހައިސިއްޔަތުން އިމްރާންގެ ކެރިއަރު މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

އިމްރާނަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ނާސިރު ހުސެއިންގެ އަންހެން ދަރިފުޅު ނުޒްހަތު ޚާންގެ ދަރި އެކެވެ. އިމްރާންގެ ކާފަ ނާސިރު ހުސެއިން އުފެއްދި ފިލްމު ތަކުގެ ތެރޭގައި "ޔާދޯން ކީ ބާރާތު"، "ތީސްރީ މަންޒިލް"، "ޖަބް ޕިޔާރް ކިސީސޭ ހޯތާހޭ" އަދި "ހަމް ކިސީސޭ ކަމް ނެހީ" ފަދަ ރީތި ފިލްމުތައް ހިމެނެ އެވެ.

އިމްރާން އެންމެ ފުރަތަމަ ވެސް ބޭނުންވީ ފިލްމު ޑައިރެކްޓަރަކަށް ވާށެވެ. އެގޮތުން އޭނާ ވަނީ ލޮސް އެންޖަލިސްގައި ފިލްމު އުފެއްދުމުގެ ރޮނގުން ޑިގްރީ ހާސިލް ކޮށްފަ އެވެ. ނަމަވެސް މުމްބައި އަށް ދިއުމަށް ފަހު ގިނަ ބަޔަކު އޭނާއަށް ފިލްމު ކުޅުމުގެ ދައުވަތު ދޭތީ ކިޝޯރު ނަމިތު ކަޕޫރު އެކްޓިން އިންސްޓިޓިއުޓުން އެކްޓްކުރަން ދަސްކުރާ ކޯހެއް ހަދައިގެން އެ މަސައްކަތް ފެށީ އެވެ.