10 މެއި 2017 - 07:23

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާގެ ފިލްމީ ކެރިއަރާ ގުޅޭ ގޮތުން މިހާތަނަށް ވަރަށް ގިނަ އަޑުތައް ވަނީ ފެތުރިފަ އެވެ. ހަމަ އެއާއެކު ސަލްމާން ޚާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާގެ ފިރިމީހާ އަޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފްކުރުމުގެ މަސައްކަތް ސަލްމާން ކުރާތީ އެކަމާ ބެހޭ ގޮތުން ވެސް ތަފާތު އަޑުތައް އަންނަނީ ފެތުރެމުންނެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނަނީ ސަލްމާން މިހާރު ރާވާފައި ވަނީ ޅިޔަނު އަޔޫޝް އާއި ސާރާ ތައާރަފްކުރުމަށް އޭނާ ފިލްމެއް ޕްރޮޑިއުސްކުރަން ކަމަށެވެ.
މުމްބާއީ މިރާގައި ބުނެފައިވާ ގޮތުން ސަލްމާންގެ ޅިޔަނު ތައާރަފްކުރުމަށް އޭނާ އުފައްދާ ފިލްމުގައި ސާރާ ބައިވެރިކުރުމުގެ ޚިޔާލު ސަލްމާނަށް އައީ ވަރަށް ފަހުންނެވެ. އެއާ އެކު ސަލްމާން ވަނީ ސާރާ އަށް މި ފިލްމުގެ ބަތަލާއަކަށް ވުމަށް ދައުވަތު ދީފަ އެވެ.
ސާރާ މިހާރު ވަނީ ފިލްމު ސްކްރިޕްޓް އަޑުއަހާފަ އެވެ. ފިލްމަކީ ލޯބީގެ ވާހަކައަކަށް އުފައްދާ ފިލްމަކަށް ވާތީ ސާރާ ވަރަށް އަވަހަށް މި ފިލްމު ކުޅެން އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމު ސަލްމާނާއެކު ކަރަން ޖޯހަރް ޕްރޮޑިއުސްކުރާނެ ކަމަށް އަޑު ފެތުރުނު ނަމަވެސް މިހާރު ހަމަޖެހިފައިވަނީ ސަލްމާން އެކަނި ފިލްމު ޕްރޮޑިއުސް ކުރުމަށެވެ.
ސާރާ އާއި އަޔޫޝްގެ ކެމިސްޓްރީ ހުންނާނެ ގޮތަކާ މެދު މިހާރު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މި ދެ އެކްޓަރުންނަކީ ވެސް 20ގެ އަހަރުތައް ގުނަމުންދާ ވަރަށް ޒުވާން ދެ މީހުންނެވެ. އަދި ދެ މީހުންނަކީ ވެސް އެމީހުންގެ ރީތިކަމަށް ވެސް މަޝްހޫރު ދެ މީހުންނެވެ. އެހެންކަމުން މިއީ ސަލްމާންގެ އަމިއްލަ ފިލްމު ބެނާގެ ދަށުން އުފައްދާ ފުރަތަމަ ބްލޮކްބަސްޓާ އަށް ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
ކުރިން އަޑު ފެތުރިފައި އޮތީ ސާރާ ތައާރަފުވަނީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ޓައިގާ ޝްރޮފްއާ އެކު ކަމަށެވެ. ނަމަވެސް މި ފިލްމުގައި ދެ ބަތަލާއިން މުހިންމު ރޯލުތައް ކުޅޭތީ މިފަދަ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފިލްމަށް ވާން ސާރާ ބޭނުން ނުވީ ކަމަށްވެ އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން އަދި ނަމެއް ކަނޑައެޅިފައި ނުވާ ސާރާ އާއި އަޔޫޝްގެ މި ފިލްމު އަންނަ ނޮވެމްބަރު މަހު ފަށާނެ އެވެ.
އަރްޕިތާ އާއި އަޔޫޝް ކައިވެނި ކުރީންސުރެ ފިރިމީހާ ބޮލީވުޑަށް ތައާރަފް ކޮށްދިނުމަށް އަރްޕިތާ ދިޔައީ ސަލްމާނަށް ޕްރެޝަރު ކުރަމުންނެވެ. އަދި މިކަން ލަސްވަމުންދާތީ އަރްޕިތާ ކުޑަކޮށް ސަލްމާނާ ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ ޚަބަރުތައް ވެސް ދާދިފަހުން ވަނީ ފެތުރިފަ އެވެ.