ލީގު ލިބިއްޖެނަމަ އިނިއެސްޓާ ބާސެލޯނާ ދޫކޮށްލަނީ؟
ލީގު ލިބިއްޖެނަމަ އިނިއެސްޓާ ބާސެލޯނާ ދޫކޮށްލަނީ؟

ބާސެލޯނާ (މެއި 9) - މި ފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުވެއްޖެ ނަމަ ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އެ ޓީމު ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 84 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 84 ޕޮއިންޓް ލިބިފައިވަނީ 35 މެޗުންނެވެ. ބާސެލޯނާ އަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ.

އަނިޔާގެ ސަބަބުން އުމުުރުން 32 އަހަރުގެ އިނިއެސްޓާ އަށް މި ސީޒަނުގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. އަދި މި ސީޒަނުގައި މިހާތަނަށް އިނިއެސްޓާ ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ 11 މެޗެވެ.

އިނިއެސްޓާ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އެހެން ނަމަވެސް އޭނާއާ ހަވާލާދީ ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިނިއެސްޓާ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ސްޕެނިޝް ލީގު ލިބިއްޖެނަމަ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.

ބާސެލޯނާގެ ކޯޗުކަމުން ލުއިސް އެންރީކޭ މި ސީޒަނަށް ފަހު ވަކިވާއިރު، އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތަކަށް އަދި އަލިމަގެއް ނުފެނެ އެވެ. އަންނަ ސީޒަނަށް ބާސެލޯނާގެ ސްކޮޑަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން އިނިއެސްޓާއާ އެކު ބާސެލޯނާ އަށް އަދި ސްޕެއިން ގައުމީ ޓީމަށް ކުޅުނު ފޯވާޑް ޑޭވިޑް ވިޔާ ވަނީ އެމެރިކާގެ ކްލަބް ނިއުޔޯކް ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އަދި މަޝްހޫރު އިތުރު ކުޅުންތެރިން އެ ޓީމާ ގުޅޭނެ ކަމަށް ވިޔާ ވަނީ ބުނެފަ އެވެ.

އިނިއެސްޓާ ހޯދުމަށް ޗައިނާގެ ކްލަބްތަކުން ޖެނުއަރީ މަހު ވަނީ ބޮޑު އަގުތަކެއް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ ޗައިނާ ކްލަބަކަށް ނުދާނެ ކަމަށް ބުނެފަ އެެވެ.