09 މެއި 2017 - 18:16

ދިވެހި ފުލުހުންގެ ފޮރެންސިކް ސާވިސް ޑައިރެކްޓަރޭޓުން ފޯރުކޮށްދެމުންގެން އަންނަ ބެއެއް ހިދުމަތްތައް އަތޮޅުތެރެ އަށް ފުޅާކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހިދުމަތް މާލޭގެ އިތުރުން މިހާރު ދޭން ފަށާފައިވަނީ ނޮދަން އޮޕެރޭޝަންސް ކޮމާންޑާއި ސަދަން އޮޕެރޭޝަންސް ކޮމާންޑްގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގަ އެވެ. ފޮރެންސިކް ހިދުމަތްތަކުގެ ތެރެއިން މި އަހަރު މުޅިން އަލަށް ފަށާފައިވާ ދެ ހިދުމަތަކީ ވަގަށް ނަގައި އަދި ބަދަލު ގެނެސްފައިވާ އެއްގަމު އުޅަނދުތަކުގެ އަސްލު ޗެސިސް ނަންބަރު ދެނެގަތުމާއި އެވިޑެންސްގެ ގޮތުގައި ބޭނުންކުރެވޭ ސީސީޓީވީ ފުޓޭޖު ނެގުމުގެ ހިދުމަތެވެ.
އެގޮތުން ފޮރެންސިކް ސާވިސްގެ ހިދުމަތްތައް، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން އަތޮޅު ތެރެ އަށް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގައި ތިބި ހުރިހާ ކްރައިމްސީންގެ މަސައްކަތާ ގުޅުން ހުރި ފަންނީ އިލްމާއި ހުނަރު އެއް މިންގަނޑަކަށް ގެނައުމަށް ޕްރޮގްރާމެއް ވެސް ހިންގާފައިވެ އެވެ.
އެގޮތުން މިޕްރޮގްރާމްގައި މާލެ އާއި އަތޮޅު ތެރެ އިން 50 ފުލުހަކު ތަމްރީން ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. ފުލުހުންގެ ކަމާ ބެހޭ ތަޖުރިބާކާރުން ކިޔަވައިދިން މި ޕްރޮގްރާމުގައި، ކުށުގެ ވެށި ބަލައި ފާސްކުރާނެ އެންމެ ފަހުގެ މިންގަނޑުތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ އެކަށީގެންވާ ހެކި ބަންދުކޮށް ތަހުގީގަށް ފޮނުވުމާއި ކްރައިމް ސީން ރިޕޯޓް ތައްޔާރުކުމަށް ސަމާލުކަން ދޭންވީ ކަންކަން ވެސް ކިޔައިދީފައިވެ އެވެ.