މީރާ ހޮސްޕިޓަލުގައި، ޝާހިދު ފިލްމު ޕްރޮމޯޝަންގައި
މީރާ ހޮސްޕިޓަލުގައި، ޝާހިދު ފިލްމު ޕްރޮމޯޝަންގައި

ޝާހިދު ކަޕޫރުގެ އާ ފިލްމު "އުޅްތާ ޕަންޖާބު" އަށް ގިނަ ބައެއްގެ ތަރުހީބު ދަނީ އޮހެމުންނެވެ. ބޮކްސް އޮފީހުގައި ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވެފައި ވާއިރު ޝާހިދު އާއި އާލިއާގެ އެކްޓިން އަށް ވެސް ތަރުހީބު ދަނީ އޮހެމުންނެވެ.

ނަމަވެސް ޝާހިދަށް މިދުވަސްވަރު ފިލްމަށް ލިބޭ ތަރުހީބުން ލިބޭ މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. އަންހެނުން މީރާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމާ އެކު ޝާހިދު ބޭނުންވަނީ ގިނަ ވަގުތު އަންހެނުން ކައިރީގައި ހޭދަކުރުމަށެވެ.

ނަމަވެސް ފިލްމު ރިލީޒްކުރިތާ އަދި ހަފުތާއެއް ވެސް ނުވާތީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ވަރަށް ބުރަކޮށް އޭނާއަށް ވަނީ ކުރަން ޖެހިފަ އެވެ.

ދާދިފަހުން ޝާހިދުގެ އަންހެނުން މީރާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެއް ދުވަސް ފަހުން ދޫކޮށްލި ޚަބަރުތައް ލިބުނަސް އަނެއްކާވެސް އަލުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޝާހިދު އަށް މިހާރު އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ އޭނާއަށް މީރާ ކައިރި ގިނަ ވަގުތު މިހާރު ހޭދަ ނުކުރެވުނަސް މީރާގެ މައިންބަފައިން އޭނާގެ ކައިރިއަށް ގޮސް ތިބުމެވެ.

މީރާ ވިހާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރަނީ ސެޕްޓެމްބަރު މަހު އެވެ. އެ ދުވަސްވަރާ ދިމާކޮށް ދިގު ޗުއްޓީއެއް ނެގުމަށްޓަކައި ޝާހިދު މިހާރު އާ ފިލްމެއް ކުޅެން ސޮއެއް ނުކުރެ އެވެ.