ޔާމީން މަރާލި މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި
ޔާމީން މަރާލި މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ޔާމީން ރަޝީދު މަރާލި މައްސަލާގައި އިތުރު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ޔާމީން 29، މަރާލި މައްސަލާގައި މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެހެންވެ މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ޖުމްލަ އަކީ ހައެކެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން މަރާލާފައި ވަނީ ރޭގަނޑު އޮފީހުގައި އުޅުމަށް ފަހު ގެޔަށް ގޮސް ވަން ވަގުތު، ގޭ ސިޑި ކައިރީގަ އެވެ. އޭނާ މަރާލަން ހަމަލާ ދޭން ގޭތެރެއަށް ދެ މީހަކު ވަންނަތަން ފެންނަ ސީސީޓީވީ ފުޓޭޖެއް މީގެ ކުރިން ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މި އަނިޔާވެރި މަރުގެ ތަހުގީގަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރުމަށް ރާއްޖެއިން ބޭރުގެ ފޮރެންސިކް ލެބޯޓަރީތަކަށް ފޮނުވައިގެން، ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން މަރާލާފައި ވަނީ އޭނާއަށް މަރުގެ އިންޒާރުތައް ދެމުން އަންނަތާ އެތައް ދުވަހެއް ފަހުންނެވެ. އެ އިންޒާރުތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކަމަކު ޔާމީނަށް ހިމާޔަތް ނުދިން ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެ އެވެ.

ޔާމީންގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ތަހުގީގުކޮށް، ގާތިލުން ހޯދުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.