08 މެއި 2017 - 23:34

އެވިޑް ކޮލެޖުގެ ރިސާޗް ސެންޓަރު މިރޭ ހުޅުވައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރު (އެރިކް) ހުޅުވައިދެއްވީ އެޑީއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.
މިރޭ މި ސެންޓަރު ހުޅުވިއަސް އެތަނުގައި ދިރާސާތައް ކުރަން ފަށާނީ އަދި ހަފުތާއެއް ފަހުންނެވެ. އަދި އެ ތަން ތަރައްގީކޮށް ވަސީލަތްތައް ގާއިމްކުރަން 25،000 ޑޮލަރު (385،500 ރުފިޔާ)ގެ ހަރަދެއް ކުރާނެ އެވެ.
ރިސާޗް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ އެވިޑް ކޮލެޖުން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ ފެންވަރު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޝްތާގު ވިދާޅުވީ އޯ ލެވެލް އަދި އޭ ލެވެލް ނިންމާ ދަރިވަރުންނަށް އެވިޑްގެ ރިސާޗު ސެންޓަރު މެދުވެރިކޮށް ތަފާތު މައުލޫމާތުތައް ފޯރުކޮށްދޭން ބޭނުންވާ ކަމަށެެވެ. އަދި ރާއްޖެއަށް ބޭނުންވާ ވަސީލަތްތަކަކީ ކޮބައިކަން ވެސް، އެވިޑްގެ ރިސާޗް ސެންޓަރު މެދުވެރިކޮށް ދެނެގަންނަން ބޭނުންވާ ކަމަށް މުޝްތާގު ވިދާޅުވި އެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އެވިޑް ކޮލެުޖުން އަންނަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މުހިއްުމު ދައުރެއް އަދާކުރަމުން ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަދިވެސް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމުގައި އަމިއްލަ ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށް ޝަފީއު އަލިއަޅުވައިލެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖުތައް ކުރިއަށް ދިއުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެވިޑް ރިސާޗް ސެންޓަރަކީ އެވިޑް ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ގާއިމުކުރާ ސެންޓަރެކެވެ. އެވިޑް ކޮލެޖުގައި ބިޒްނަސް މެނޭޖްމަންޓާއި މާކެޓިން އަދި އެޑިއުކޭޝަންގެ ތަފާތު ފެންވަރުގެ ކޯސްތައް ހިންގަ އެވެ. އެ ދަރިވަރުން ހަދާ ރިސާޗުތައް ސުޕަވައިޒްކޮށް އެޕްރޫވްކުރާނީ ކޮލެޖުގައި ގާއިމްކުރާ ރިސާޗު ސެންޓަރުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އެވިޑް ކޮލެޖުގެ ރިސާޗު ސެންޓަރަށް ފަންނީ އެހީތެރިކަން ދޭން މެލޭޝިޔާގެ ހަތަރު ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.