08 މެއި 2017 - 16:44

ޓޯކިޔޯ (މެއި 8) - ހަމައެކަނި ފިރިހެނުންނަށް ދެވޭ ގޮތަށް އޮންނަ ޖަޕާނުގެ ރަށެއް ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ހަމަޖައްސަން ހުށަހަޅައިފި އެވެ.

ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ އޮކިނޯޝިމާ އަށް އަންހެނުން ދިއުން މަނާކޮށްފައި އޮންނަނީ އެ މީހުންގެ ދީނީ ސަބަބަކަށްޓަކައި ކަމަށް ޝިމްބުން ނޫހުން ބުންޏެވެ. އަދި އެ ރަށަށް ޒިޔާރަތް ކުރާ މީހުން އެ ތަނުން އެއްވެސް އެއްޗެއް ގެނައުމަކީ މަނާކަމެކެވެ. އެ ރަށަށް ޒިޔާރަތް ކުރާ ފިރިހެނުން ވެސް ރަށަށް އަރަން ޖެހެނީ ފެންވެރުމަށް ފަހު އެވެ. އަދި އެ މީހުންގެ ދަތުރާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުން އޮންނަނީ މަނާކޮށްފަ އެވެ.
ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ޖަޕާނުގެ ރަށް ހިމެނުމަށް އެޑްވައިޒަރީ ޕެނަލުން ހުށަހެޅި ނަމަވެސް ގޮތެއް ނިންމާނީ ޖުލައި މަހު އޮންނަ ޔުނެސްކޯގެ ބައްދަލުވުމުގަ އެވެ.
ޖަޕާނުގެ އޮފިޝަލަކު ބުނީ ހެރިޓޭޖް ލިސްޓަށް ރަށް ލީ ނަމަވެސް އަންހެނުން އެ ރަށަށް އެރުން މަނާކޮށްފައި އޮންނަ އޮތުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.