08 މެއި 2017 - 16:15

ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރު އަލީ ހާލިދު އެމަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުގައި ކޮމިޔުކޭޝަން ވަކި ޑިޕާޓްމަންޓެއް އުފެއްދުމަށް ފަހު އެތަނުގައި އިސްކޮށް މަސައްކަތްކުރަައްވަން ފެއްޓެވި އަލީ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހަކުން ވެސް ނުބުނެ އެވެ. އެ އޮފީހުގެ މީޑިއާއާ ބެހޭ އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އަލީގެ ފޯނު ވެސް އޮތީ ނިންވާލައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ޓީވީއެމްގެ ސީއީއޯގެ މަގާމު ފުރުއްވި އަލީ ވަނީ އޭގެ ކުރިން މިފްކޯގެ މަތީ މަގާމުތަކެއްގައި ވެސް އުޅުއްވައިފަ އެވެ. އޭނާ މަތީ ތައުލީމް ހާސިލްކުރައްވާފައި ވަނީ މެނޭޖްމަންޓްގެ ދާއިރާ އިންނެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ކުރަމުން އައި ކަންކަމުގެ ތެރޭގައި ސަރުކާރުގެ މޫނުމަތި ރީތިކުރަން މީޑިއާގެ އެކި އުފެއްދުންތައް ގެނެސްދިނުން ހިމެނެ އެވެ. އޭގެ ތެރޭގައި ޓީވީއެމް އާއި އެހެން ބައެއް ޓީވީތަކުގެ ޕްރޮގްރާމްތަކަށް ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ކޯލިޝަންގެ މެމްބަރުން އަރުވައި، ސަރުކާރު ޕްރޮމޯޓްކުރަން ވާހަކަ ދެއްކުން ވެސް ހިމެނެ އެވެ.
އަލީ އަކީ ކުނި ނައްތާލުމުގެ މަސައްކަތްކުރަން ސަރުކާރުން އުފައްދާފައިވާ ވެމްކޯގެ ޗެއާމަން ވެސް މެ އެވެ. އެކަމަކު އެ މަގާމުން އޭނާ ވަކިކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.