20 ޖޫން 2016 - 08:01

އީދު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައިވާ ސަލްމާން ޚާންގެ "ސުލްތާން"ގެ "ޖަގް ގޫމެޔާ" ފުރަތަމަ ކިޔައިދިނީ ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފިޔަޖަހަމުންދާ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އެވެ. ނަމަވެސް އޭގެ ފަހުން އެ ލަވަ ވަނީ ރާހަތު ފާތިހު އަލީ ޚާން ލައްވާ އަލުން ރެކޯޑްކޮށްފަ އެވެ.

އަރިޖީތުގެ އަޑުން ރެކޯޑްކުރި ލަވަ ފިލްމުން އުނިކުރި ސަބަބާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެން ފެށި އެވެ. ބައެއް މީހުން ބުނެފައިވަނީ އަރިޖީތުގެ ލަވަ އެހެން މީހަކު ލައްވާ ކިޔުއްވީ ސަލްމާން އެގޮތަށް އެދިގެން ކަމަށެވެ. އަދި ޚުދް އަރިޖީތު ވެސް ގަބޫލު ކުރަނީ އެގޮތަށެވެ.
އަރިޖީތު ގަބޫލުކުރާ ގޮތުގައި 2004 ވަނަ އަހަރު އޮތް އެވޯޑު ދިނުމުގެ ރަސްމިއްޔާތެއްގައި ސަލްމާންގެ އަތުން އެވޯޑު ބަލައި އޭނާ ސްޓޭޖަށް އަރާފައި ބުނި އެއްޗަކުން ސަލްމާން ހުރީ އޭނާ ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އަދި އޭނާ ވަގުތުން މައާފަށް އެދުނުކަމަށާއި ފަހުން އެތައް ފަހަރަކު މެސެޖުކޮށް ވެސް މައާފަށް އެދިފައިވާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް "ސުލްތާން"އަށް އޭނާ ކިޔައިދިން ލަވަ ކަނޑާލުމުން ސަލްމާން އަދިވެސް އޭނާއަށް މައާފްނުކުރާކަން އަރިޖީތު މުޅީން ޔަގީން ކުރި އެވެ.
އަރިޖީތުގެ އޮފިޝަލް ޕޭޖުގައި އޭނާ ރަސްމީކޮށް މައާފަށް އެދި ލިޔުމެއް ޕޯސްޓްކުރީ އެހެންވެ އެވެ. ނަމަވެސް ސަލްމާންގެ ފޭނުންނާއި އަރިޖީތުގެ ފޭނުން މި ޕޯސްޓާ ދޭތެރޭ ދެކުނީ ތަފާތު ގޮތަކަށެވެ. އަދި ބޮޑު އަރާރުންގަނޑަކަށްވުމުން އޭނާ އަވަހަށް އެ ޕޯސްޓް ނެގީ އެވެ.
"ސުލްތާން"ގެ ޕްރޮލޯޝަން އިވެންޓެއްގައި ނޫސްވެރިއަކު މިކަމާ ގުޅޭ ގޮތުން ސަލްމާނާ ސުވާލު ކުރި އެވެ. ސަލްމާން ބުނީ އެ ލަވަ ފިލްމުގައި ނުހިމެނުމަށް ނިންމީ އޭނާ ނޫން ކަމަށާއި އެއީ ޕްރޮޑަކްޝަން ހައުސްގެ ނިންމުމެއް ކަމަށެވެ.
"ކޮންމެ ފިލްމެއްގައި ވެސް ވަރަށް ގިނަ ލަވަކިޔުންތެރިން ލައްވާ ލަވަ ކިޔުއްވާ އެ ލަވައަކާ އެންމެ ގުޅެނީ ކާކެއްގެ އަޑެއްތޯ ބަލާފައި ލަވަ ހިމަނަނީ. އެގޮތުން ބައެއް ލަވަކިޔުންތެރިން ކިޔާފައި ހުންނަ ލަވަތައް ބޭނުން ނުކޮށް ދޫކޮށްލާ. ކާކުގެ އަޑަކުން ކިޔާފައިވާ ލަވައެއްތޯ ފިލްމުގައި ހިމަނާނީ ނިންމަނީ ޕްރޮޑިއުސަރާއި ޑައިރެކްޓަރު. އަހަރެންގެ އަޑުން ރެކޯޑްކުރި ލަވައެއްވެސް އެމީހުންނަށް ކަމުނުގޮސްގެން ގަބޫލު ނުކޮށް ދޫކޮށްލި. އެކަހަލަ ކަންތައްތަކާ ހާސްވާނެ ކަމެއް ނެތް. އެއީ ދިރިއުޅުމަކީ،" ސަލްމާން ބުނެފައިވެ އެވެ.
އަރިޖީތުގެ ފޭސްބުކް ޕޯސްޓާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސަލްމާން ބުނީ އެކަހަލަ ޕޯސްޓްތަކާއި ކޮމެންޓްތަކުން އެފަދަ ތަކެތި ލިޔުމުގެ އަސްލު މަގްސަދު ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ.
ސަލްމާން ރެސްލިން ތަޅާ މީހެއްގެ ރޯލު ކުޅެފައިވާ "ސުލްތާން" ގެ ބަތަލާ އަކީ އަނުޝްކާ ޝަރުމާ އެވެ.
"ސުލްތާން"ގެ މިހާތަނަށް ރިލީޒްވި ކޮންމެ ލަވައެއް ސަލްމާންގެ އަޑުން ރެކޯޑް ކުރުމަށްފަހު ނެރެފައިވެ އެވެ. އެގޮތުން ފުރަތަމަ ނުކުތް ލަވަ ސަލްމާނާއި އޭނާގެ ލޯބިވެރިޔާ އިއުލިއާ ވަންތޫރުގެ އަޑުން ރެކޯޑްކޮށް ނެރެފައި ވެއެވެ. އަދި "ޖަގް ގޫމިޔާ" ގެ ވެސް ސަލްމާންގެ އަޑުން ރެކޯޑްކޮށްފައިވާ ވާޝަނެއް މިހާރު ވަނީ ނެރެފަ އެވެ.
އެންމެ ހެއްވާ ކަމަކީ ލަވަކިޔުންތެރިންގެ އަޑުން ރެކޯޑްކޮށްފައިވާ މި އަލްބަމްގެ ލަވަތަކަށް ވުރެ ސަލްމާން ކިޔައިދީފައިވާ ލަވަތަކަށް ލިބޭ ތަރުހީބު ބޮޑު ކަމެވެ.