"ޖައްގާ ޖާސޫސް" ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ އަނުރާގް: ކެޓުރީނާ
"ޖައްގާ ޖާސޫސް" ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ އަނުރާގް: ކެޓުރީނާ

ކެޓުރީނާ ކައިފް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ "ޖައްގާ ޖާސޫސް" ލަސްވީ އެ ދެ މީހުންގެ ޒާތީ މައްސަލަތަކުގެ ސަބަބުން ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް ކެޓުރީނާގެ އިންޓަވިއުއެއްގައި ބުނީ ފިލްމު ލަސްވީ ޑައިރެކްޓަރު އަނުރާގު ބާސޫގެ ސަބަބުން ކަމަށެވެ.

ކެޓުރީނާ ޑީއެންއޭ އަށް ބުނީ އަނުރާގަކީ ވަރަށް ކުޅަދާނަ ޑައިރެކްޓަރެއް ކަމަށެވެ. ނަމަވެސް މިފިލްމު ޝޫޓް ކުރަމުން ދިޔައިރު ފިލްމު އޮންނަން ޖެހޭނެ ގޮތުގެ ތަސައްވަރެއް އޭނާ އަށް ކުރެހިފައި ނެތް ކަމަށް ކެޓުރީނާ ބުންޏެވެ. އެހެންވެ ޝޫޓިންގެ ތެރޭގައި ތަފާތު މަސްހުނި ޚިޔާލުތައް ހުރުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވޭގޮތް ނުވީ ކަމަށް ބުންޏެވެ.

ފިލްމު ގާތްގަނޑަކަށް ނިމުނު ފަހުން އަނުރާގް ވަނީ ބައެއް މަންޒަރުތައް އަލުން ޝޫޓްކުރަން ނިންމައިފަ އެވެ. އެއީ އޭނާ އުންމީދުކުރި ގޮތަށް އެ ބައިތައް ނެގިފައި ނުވާތީ އެވެ. މިއީ ގިނަ ހިންދީ ފިލްމުތަކާ ވަރަށް ތަފާތު ގޮތަކަށް އުފައްދާ ފިލްމެއް ކަމަށް ވެސް ކެޓުރީނާ ބުންޏެވެ.

މި ފިލްމުގެ ޕްރޮމޯޝަން ކަންތައްތަކުގައި ވެސް ރަންބީރާ އެކު ކެޓުރީނާ ބައިވެރިވުމަށް ދެކޮޅު ހަދާކަމުގެ ޚަބަރުތަކެއް ތަންކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް މި ވާހަކަތައް ވެސް ކެޓުރީނާ ދޮގު ކުރެ އެވެ. އޭނާ ބުނި ގޮތުގައި ފިލްމު ޕްރޮމޯޝަންގެ މަސައްކަތް ފަށަން އަދި މާ އަވަހެވެ. އެހެންވެ އެ ދުވަސް އައުމުން ޕްރޮޑިއުސަރުން ހަމަޖައްސާ ގޮތެއްގެ މަތިން އޭނާ ފިލްމު ޕްރޮމޯޓްކުރުމުގައި ބައިވެރިވާނެ އެވެ. ކެޓުރީނާ ބުނީ އޭނާގެ ސަބަބުން ފިލްމު ރިލީޒްކުރުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

"އަހަރެން ކުޅޭ ހުރިހާ ފިލްމެއް ވެސް އިޝްތިހާރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެން. މި ފިލްމަށް ވެސް އަހަންނަށް ވީ ހުރިހާ ކަމެއް ކޮށްދޭނަން،" ކެޓުރީނާ ބުންޏެވެ.

އެއް ބިލިއަން އިންޑިޔަން ރުޕީސްގެ ބަޖެޓަކުން އުފައްދާ މިފިލްމު ރިލިޒްކުރަން މިހާރު ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.