08 މެއި 2017 - 14:41

ކާބުލް (މެއި 8) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބްދުލް ހަސީބު މަރާލާފައިވާ ކަމަށް އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެ އެވެ.
އޭނާ މަރާލާފައި ވަނީ މީގެ 10 ދުވަސް ކުރިން އިރުމަތީގެ ނަންގަރްހާރު ޕްރޮވިންސްގައި އަފްޣާނިސްތާނުގެ ސްޕެޝަލް ފޯސްގެ ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ. ކާބުލްގެ އަސްކަރީ ހޮސްޕިޓަލަކަށް މާޗު މަހު ދިން ހަމަލާގެ ފަހަތުގައި ވަނީ ހަސީބު ކަމަށް ވަނީ ބެލެވިފަ އެވެ. ހޮސްޕިޓަލަށް ދިން ހަމަލާގައި ވަނީ 30 މީހުން މަރުވެފަ އެވެ.
ޕެންޓަގަނުން ވެސް މިދިޔަ މަހު ބުނެފައި ވަނީ ހަސީބު މަރާލާފައި ވަނީ އެމެރިކާ އާއި އަފްޣާން ސިފައިން ދިން ހަމަލާއެއްގައި ކަމަށެވެ. އެޕްރީލް މަހު އެމެރިކާ ސިފައިން ވަނީ ނަންގަރްހާރުގައި އައިއެސްގެ ހަނގުރާމަވެރިން ފިލާ ތިބޭ ސަރަހައްދުތަކަށް ނިއުކްލިއާ ބޮން ފިޔަވައި އެންމެ ވަރުގަދަ ބޮން އަޅައިފަ އެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާކަން އައިއެސް އިން އިއުލާންކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އައިއެސް އިން ވަނީ އަފްޣާނިސްތާނުގައި ވަރަށް ގިނަ ހަމަލާތައް ދީފަ އެވެ. ކާބުލްގައި ޖުލައި 2016 ގައި ދިން ހަމަލާގައި 80 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ކާބުލްގެ މިސްކިތަކަށް ދިން ހަމަލާގައި ވަނީ 30 މީހުން މަރުވެފަ އެވެ. އަދި ފެބްރުއަރީ މަހު އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓަށް ދިން ހަމަލާގެ ޒިންމާ ވަނީ އައިއެސް އިން އުފުލައިފަ އެވެ. އެ ހަމަލާގައި ވަނީ 22 މީހުން މަރުވެފަ އެވެ.