09 މެއި 2017 - 08:06

މިހާރު މަރުވެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް މެހެރާގެ ދަރިފުޅު ރޯހަން މެހެރާގެ ފުރަތަމަ ފިލްމު "ބާޒާރް" އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ރޯހަންގެ މަގުބޫލުކަން ވަނީ އިތުރުވާން ފަށައިފަ އެވެ.

ގޯރަވް ކޭ ޗައުލާ ޑައިރެކްޓްކުރާ "ބާޒާރް" އަކީ އިންޑިއަން ސްޓޮކް މާކެޓްގެ އަޑީގައި ފޮރުވިފައިވާ "ކަޅު މުއާމަލާތްތައް" ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ނެރެފައިވާއިރު ސައިފް އަލީ ޚާން މުހިއްމު ބައެއް އަދާކުރާކަން ވަނީ ޔަގީންވެފަ އެވެ.
ރޯހަންގެ ކޮއްކޮ ސޯނިޔާ މެހެރާ ވެސް 2007 ގައި ނުކުތް "ވިކްޓޯރިޔާ ނަންބަރު 203: ޑައިމަންޑްސް އާ ފޮ އެވާ" ގައި ބަތަލާގެ ބައި ކުޅުނެވެ. ނަމަވެސް ފުރަތަމަ ފިލްމަށް ފަހު ސޯނިޔާ އިތުރު ފިލްމަކުން ނުފެނެ އެވެ.
ރޯހަން އާއި ސޯނިޔާ އަކީ ވިނޯދް ތިން ވަނަ އަށް ކައިވެނިކުރި ކިރަންގެ ދެބެއިންނެވެ. އުމުރުން 45 އަހަރުގައި ހާޓް އެޓޭކެއް ޖެހި ކުއްލިގޮތަކަށް ވިނޯދް މެހެރާ މަރުވީ 1990 ވަނަ އަހަރު އެވެ. އޭރު ރޯހަން އަށް އެންމެ އަހަރެކެވެ. ސޯނިޔާ އަށް ދެ އަހަރެވެ.
ކިރަންގެ އާއިލާ ވަރަށް ކުރިއްސުރެ ދިރިއުޅެނީ ކެންޔާގައި ކަމަށް ވުމުން ވިނޯދް މެހެރާ މަރުވުމުން ކިރަން ދެ ކުދިން ގޮވައިގެން މައިންބަފައިން ގާތަށް ކެންޔާއަށް ހިޖުރަ ކުރީ އެވެ.
ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހުރުމުގެ އިތުރުން ރޯހަން އަކީ ކުޅަދާނަ ފޮޓޮގްރާފަރެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓްކޮށްފައިވާ ބައެއް ފޮޓޯތަކުން އޭނާގެ ކުޅަދާނަކަން ހާމަ ވެ އެވެ.
ރޯހަން ރައްޓެހިވެގެން އުޅެނީ 2012 ގައި ނުކުތް "ސްޓޫޑަންޓް އޮފް ދަ އިޔާ"ގައި ސައިޑް ރޯލެއް އަދާކުރި ތާރާ ސުތާރިއާއާ އެވެ. ރޯހަން ބޮލީވުޑަށް ތައާރަފްކުރުމުގެ ޒިންމާ ނަގާފައިވަނީ "ކަލް ހޯ ނަ ހޯ"ގެ ޑައިރެކްޓަރު ނިކިލް އަދުވާނީގެ ފިލްމު ކުންފުނިންނެވެ.
"ބަޒާރް"ގައި ސައިފް ކުޅެނީ ވަރަށް މުއްސަނދި މަހުޖަނެއްގެ ރޯލެވެ. ފުރަތަމަ ޕޯސްޓަރުން ފެންނަނީ ދުވަސްވެ ނުރަޖަހާފައި ހުރި ސައިފް ވަރަށް ސްމާޓްކޮށް ކޯޓު ފަޓުލޫނުގައި ހުއްޓަ އެވެ. އެހެންވެ މި ފިލްމުގައި ސައިފް ކުޅެނީ ދުވަސްވީ ކެރެކްޓާއެއްކަން ޔަގީންވެ އެވެ. ސައިފްގެ ފަހަތުން ރޯހަންގެ މޫނުގެ ހިޔަންޏެއް ފެންނަން ހުރެ އެވެ. ޕޯސްޓަރުގެ ފުރަގަހުން ފެންނަނީ މުމްބައިގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ބަޒާރް" އަކީ މައިކަލް ޑޮގްލަސްގެ މަޝްހޫރު ވާހަކަ "ވޯލް ސްޓްރީޓް" އާއި ލިއޮނާޑޯ ޑިކެޕްރިއޯގެ "ވުލްފް އޮފް ވޯލް ސްޓްރީޓް" ފިލްމާ އެއްގޮތަށް އުފައްދާ ފިލްމެކެވެ. މި ފިލްމު އެންމެ ކުރިން ރިތިކް ރޯޝަން އާއި އަކްޝޭ ކުމާރަށް ވެސް ލިބުނެވެ. ނަމަވެސް އެ ދެ އެކްޓަރުން ފިލްމު ކުޅެދޭން އެއްބަހެއް ނުވި އެވެ. ފަހުން ފިލްމު ފަށައިގެން ކުރިޔަށް މި ގެންދަނީ ފިލްމުގެ މަސައްކަތް ހުއްޓިއްޖެކަމުގެ އަޑުތަކެއް ވެސް ފެތުރިފައި އޮއްވަ އެވެ.