20 ޖޫން 2016 - 08:05

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު ގަބޫލުކުރާ ގޮތުގައި ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ އާ ފިލްމު "އުޅްތާ ޕަންޖާބު"ގެ ބަތަލާ އާލިއާ ބަޓްގެ އެކްޓިން އެ ފިލްމުގައި އާދަޔާޚިލާފަށް މޮޅެވެ. އަދި ޝާހިދު ގަބޫލުކުރާ ގޮތުން އެ ފިލްމުން އާލިއާ އަށް ނެޝަނަލް އެވޯޑު ހައްގުވެ އެވެ.

އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ފުރަތަމަ ދުވަހު 100 މިލިއަން އަށް ވުރެ ގިނަ ރުޕީޒް ހޯދާ ބޮކްސް އޮފީހުގައި ވެސް ރަނގަޅަށް ހިނގަމުންދާއިރު ފާޑުކިޔުންތެރިން ވެސް ބުނަނީ އާލިއާ އާއި ޝާހިދުގެ އެކްޓިން މި ފިލްމުގައި ވަރަށް މޮޅުކަމަށެވެ.
މިއަހަރުގެ ނެޝަނަލް އެވޯޑު ލިބިދާނެކަމަށް އުންމީދުކުރަންތޯ ނޫސްވެރިން ޝާހިދާ ސުވާލުކުރުމުން އޭނާ ބުނީ ކުރީ ފަހަރު "ހައިދަރު" ރިލީޒްކުރީމާ އެކު ނޫސްވެރިން އެގޮތަށް ކިޔަން ފެށުމުން އޭނާ އަށް ވެސް އެގޮތަށް އުންމީދުތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެ ފިލްމުން އެވޯޑު ލިބިފައިނުވާތީ މިފަހަރު އަނެއްކާވެސް އެހާ ބޮޑަށް އެފަދަ އެވޯޑުތަކަށް އުންމީދު ނުކުރާ ކަމަށް ޝާހިދު ބުންޏެވެ.
"މި ފިލްމުން އަހަންނަށް ނެޝަނަލް އެވޯޑު ލިބުން ހައްގުކަމަށް ނޫސްވެރިން ގަބޫލުކުރަންޏާ އެ ނިމުނީ،" ޝާހިދު ބުންޏެވެ.
ނަމަވެސް އާލިއާ އަށް ނެޝަނަލް އެވޯޑު ލިބިދާނެކަމަށް ޝާހިދު ވެސް ގަބޫލުކުރެ އެވެ.
"އުޅްތާ ޕަންޖާބު" ގައި ޝާހިދު އަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ ރޮކް ލަވަކިޔުންތެރިއެކެވެ. އާލިއާ ކުޅެނީ ބިހާރުން ހިޖުރަ ކޮށްފައިވާ ހޮކީ ކުޅުންތެރިއެއްގެ ބައެވެ.
ޝާހިދު ބުނި ގޮތުގައި އޭނާގެ ކެރެކްޓާ ބެލުންތެރިން ބަލައިގަންނާނެ ގޮތަކާ ދޭތެރޭ އޭނާ ހުރީ ކުޑަކޮށް ޖެހިލުންވެފަ އެވެ.
ޝާހިދު ނޫނަސް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވެސް ޝާހިދު އާއި އާލިއާގެ ޕާފޯމަންސަށް ތައުރީފުކޮށް ޓުވީޓްތައް ކޮށްފައިވެ އެވެ.