08 މެއި 2017 - 15:00

ކޮލަމްބޯ (މެއި 8) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ ހަފުތާގައި ސްރީ ލަންކާ އަށް ކުރައްވާ ދަތުރުފުޅަށް ސަލާމަތީ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ލަންކާ ފުލުހުން ނިންމައިފި އެވެ.
ޔޫއެން ވެސަކް ފެސްޓިވަލް ހުޅުއްވައިދެއްވުމަށް މޯދީ ވަޑައިގަންނަވާ އިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 6،000 އަށް ވުރެ ގިނަ ފުލުސް އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް ޕޮލިހުންގެ އިންސްޕެކްޓާ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާ ވިދާޅުވި އެވެ. ބޮޑު ވަޒީރު މޯދީ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި އާދައިގެ ފުލުހުންގެ އިތުރުން ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އަދި ވީވީއައިޕީގެ ސެކިއުރިޓީ އަށް ޚާއްސަ އޮފިސަރުން ހިމެނޭ ކަމަށް ޖަޔަސުންދަރާ ވިދާޅުވި އެވެ.
މޯދީގެ ދަތުރުފުޅާ ދިމާކޮށް ކޮލަމްބޯ އާއި ކެންޑީގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފަ އެވެ. އަދި ވެސަކް އިވެންޓްތައް ބާއްވާ ބުޑިސްޓް ހުރިހާ ފައްޅިތަކެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ލަންކާ ފުލުހުން ބުންޏެވެ.
"އިންޑިއާގެ ބޮޑު ވަޒީރުގެ ދަތުރުފުޅަށް ހުރަސް އަޅަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ،" ލަންކާ ފުލުހުން ބުނެފައިވެ އެވެ.
ލަންކާގެ ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ވަނީ މޯދީގެ ދަތުރުފުޅާ ދިމާކޮށް "ކަޅު ދިދައިގެ" ކެމްޕޭނެއް ހިންގަން ނިންމައިފަ އެވެ.
އދ.ގެ ވެސަކް ޑޭ ކޮލަމްބޯގައި ފާހަގަކުރަން ފަށާނީ މެއި 12 ވަނަ ދުވަހު އެވެ. މިއީ ވެސަކް ޑޭ ފެސްޓިވަލް ލަންކާގައި ބާއްވާ ފުރަތަމަ ފަހަރެވެ. މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޚާއްސަ ދައުވަތަކަށެވެ. ވެސަކް ޑޭގެ ހަރަކާތްތަކުގެ އިތުރުން ދީނީ އަދި އެހެން ބައެއް އިވެންޓުތަކުގައި ވެސް މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުން ޚަރަދުކޮށްގެން ހެދި ހޮސްޕިޓަލެއް ހުޅުއްވައިދެއްވުން ވެސް ހިމެނެ އެވެ.