08 މެއި 2017 - 11:14

ޑުބާއީ (މެއި 8) – ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަލް-ފުޖައިރާ އެފްސީގެ ކޯޗުކަމާ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ހަވާލުވެއްޖެ އެވެ.
މިއީ ޔޫއޭއީގެ އަލް-ވަސްލްގެ ކޯޗުކަމުން 2012 ވަނަ އަހަރު މަރަޑޯނާ ވަކިކުރި ފަހުން އޭނާ ހަވާލުވި ފުރަތަމަ ވަޒީފާ އެވެ.
އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަންގެ ކޯޗިން ކެރިއަރު ކާމިޔާބެއް ނޫނެވެ. އާޖެންޓީނާގެ ދެ ކްލަބަކަށް ނުވަދިހައިގެ މެދުތެރޭގައި ކުޑަދުވަސްކޮޅަކު ކޯޗުކޮށްދިންއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ކޯޗުކޮށްދިނެވެ. އެކަމަކު ލިއޮނަލް މެސީގެ ވިދުވަރާ އެކު ވެސް މަރަޑޯނާ އަށް އާޖެންޓީނާ ގެންދެވުނީ ކުއާޓާ ފައިނަލާ ހަމަޔަށެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާ އަށް ތަށި ކާމިޔާބުކޮށްދިން މަރަޑޯނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އެދުވަސްވަރު އޭނާގެ ޖާދޫގައި ގިނަ ބަޔަކު ޖެއްސި އެވެ. ކްލަބް ލެވެލްގައި އޭނާ ވަނީ އިޓަލީގެ ނަޕޯލީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.