08 މެއި 2017 - 11:48

ދުބާއީ (މެއި 8) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް ބަލާ މިސްރުގެ އީމާން އަހުމަދަށް ދުބާއީގައި ފަރުވާ ދޭން ފެށި ނަމަވެސް އޭނާ އަށް ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމަށް އޭނާ އަށް ފަރުވާ ދޭ ހޮސްޕިޓަލުން ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދުބާއީގެ ބުރްޖީލް ހޮސްޕިޓަލަށް އީމާން ބަދަލު ކުރީ ބުރާސްފަތި ދުވަހު އެވެ. މުމްބާއީގައި ފަރުވާ ދޭން ފެށި އިރު ބަރުދަނުގައި 500 ކިލޯ (1،102 ރާތާ) ހުރި ކަމަށް ބުނާ އީމާން ޔޫއޭއީ އަށް ގެންދިޔައީ އޭނާގެ އާއިލާ އާއި ހޮސްޕިޓަލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދުމުންނެވެ.
އީމާންގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއި ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އީމާންގެ ކޮއްކޮ ޝައިމާ ސާލިމް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހޮސްޕިޓަލުން ހަދަނީ ދޮގު ކަމަށެވެ. އީމާން، 36، އަށް ފަރުވާ ދިން މަޝްހޫރު ބެރިއޭޓްރިކް ސާޖަން މުއްފަޒަލް ލަކްދަވާލާ ވިދާޅުވީ ސާލިމް ބޭނުން ވަނީ އީމާނަށް ހިނގެންދެން ހޮސްޕިޓަލުގައި ބާއްވަން ކަމަށެވެ. އެކަމަކު އޮތޯޕީޑިކް ޚާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި އީމާން އަށް ނުހިނގޭނެ ކަމަށް ލަކްދަވާލާ ވިދާޅުވި އެވެ. ނަރުހުންނާއި ޑޮކްޓަރުންނާ އެކު އީމާން ޔޫއޭ އަށް ދަތުރު ކުރީ ފަސްޓް ކްލާހުގަ އެވެ.
ޔޫއޭއީގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ އީމާން ފަލަވުމުގެ އިތުރުން ހިތުގެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި ގިނަ ދުވަހު އެއްތަނެއްގައި އޮތުމުން ތަންފާރުވެފައިވާ ކަމަށެވެ.
ބުރްޖީލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އީމާން އަށް ފަރުވާ ދެމުން ދަނީ މަލްޓި-ސްޕެޝަލިސްޓް 20 ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ.
"އީމާން އަށް ވަނީ ހިތުގެ މައްސަލަތަކުގެ އިތުރުން ޔޫރިން އިންފެކްޝަނާއި ތަންފާރުވުމުގެ މައްސަލަ ދިމާވެފައި،" ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޮސްޕިޓަލުން ބުނީ ކުރު މުއްދަތުގެ އަމާޒަކީ އީމާންގެ ސިއްހީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އޭނާ އަށް އަމިއްލަ އަށް މިހާރު ކުޑަ ވަގުތު ކޮޅަކު އިށީނދެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ފެބްރުއަރީ 11 ވަނަ ދުވަހު ގެންދިޔައީ އެއާބަސްގެ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ. އެވެ. ދިޔާ ތަކެތި ދިނުމާއި ފިޒިއޮތެރަޕީ ހައްދައިގެން އޭނާގެ ބަރުދަނުން މަސް ދުވަސްތެރޭ ވަނީ 100 ކިލޯ ލުއިކޮށްފަ އެވެ. މާޗް 7 ވަނަ ދުވަހު ވަނީ ލެޕަރޮސްކޯޕިކް ސްލީވް ގެސްޓްރެކްޓޮމީ ސާޖަރީއެއް ހަދައިފަ އެވެ. މާޗް 29 ވަނަ ދުވަހު އީމާންގެ ބަރުދަން ހުރީ 340 ކިލޯގަ އެވެ. ތޭރަ ދުވަސް ތެރޭ އީމާންގެ ބަރުދަނުން 98 ކިލޯ ލުއިވިކަން ޑޮކްޓަރު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި ފަސް ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.