އެމެރިކާ މީހާ ހައްޔަރު ކުރީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުމުން: ނޯތު ކޮރެއާ
އެމެރިކާ މީހާ ހައްޔަރު ކުރީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުމުން: ނޯތު ކޮރެއާ

ޕިއޮންޔޮން (މެއި 7) - އެމެރިކާ މީހާ ހައްޔަރު ކުރީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުމުން ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ޕިއޮންޔަން ޔުނިވާސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވައިދޭ ކިމް ހަކް-ސޮން ހައްޔަރު ކުރީ އިއްޔެ ކަމަށް ރަސްމީ ނޫސް އެޖެންސީން ބުންޏެވެ. އެ މީހާއާ ބެހޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.

އެމެރިގެ ތިން މީހަކު މިހާރު ވެސް ވަނީ ނޯތު ކޮރެއާ އިން ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ މަހު ފަހުކޮޅު ހިފެހެއްޓި، ޕިއޮންޔޮން ޔުނިވާސިޓީގައި ކިޔަވައިދޭ ކިމް ސަން-ޑަކް ވެސް ހިމެނެ އެވެ.

އޭގެ ކުރިން އެކަކު ހައްޔަރު ކުރީ ޖާސޫސް ކުރަން އުޅުނު ކަމަށް ބުނެ އެވެ. އަނެއް މީހާ ހައްޔަރު ކުރީ ހޮޓަލެއްގައި ހުރި ނިޝާންތަކެއް ގެންދަން އުޅުނު ކަމަށް ބުނެ އެވެ. ނޯތު ކޮރެއާގެ ޕްރޮޕަގެންޑާ ނިޝާނެއް ގެންދަން އުޅުނު ކަމަށް ބުނެ މިިދިޔަ އަހަރުގެ ހައްޔަރުކުރީ އެމެރިކާގެ 21 އަހަރުގެ ދަރިވަރެކެވެ. ނޯތު ކޮރެއާ ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް މިދިޔަ އަހަރުގެ މާޗް މަހު ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ނޯތު ކޮރެއާ އިން ހައްޔަރުކުރި ސައުތު ކޮރެއާ އަށް އުފަން ނަމަވެސް އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކިމް ޑޮން-ޗުލް އަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ޖާސޫސް ކުރި ކަމުގެ ކުށުގައި ބުރަ މަސައްކަތާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު 2015 ގަ އެވެ.

އެމެރިކާ މީހުން ނޯތު ކޮރެއާ އިން ހައްޔަރު ކުރަމުންދާ އިރު ދެ ގައުމުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ.