08 މެއި 2017 - 06:27

މުމްތާޒަކީ 1960 އާއި 70ގެ އަހަރުތަކުގައި ހިންދީ ފިލްމީ ދުނިޔޭގައި އެންމެ ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނުނު އެކްޓަރެކެވެ. ބޮލީވުޑަށް، ރީތި ގިނަ ފިލްމުތަކެއް ހަދިޔާކޮށްފައިވާ މުމްތާޒުގެ ފޭނަކަށް ލަންޑުން އޭނާއާ ދާދިފަހުން ބައްދަލުވެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު އެއިން ފެންނަނީ ތަފާތު މޫނެކެވެ.
އެއީ މުމްތާޒްކަން ޔަގީންކުރަން ވެސް ދަތިވާ ވަރަށް އޭނާގެ ސިފަ ހުރީ ބަދަލުވެފަ އެވެ.
ކައިވެންޏަށް ފަހު، ފިލްމު ކުޅުމާ ދުރަށް ގޮސްފައިވާ މުމްތާޒު ލަންޑަނުގައި ދިރިއުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
މުމްތާޒާއި އޭރުގެ އެންމެ މަޝްހޫރު އެކްޓަރު ރާޖޭޝް ކަންނާ އެކުގައި 10 ވަރަކަށް ފިލްމު ކުޅުނެވެ. އޭގެ ތެރޭގައި "އާޕް ކީ ގަސަމް"، "ރޯޓީ"، "އަޕްނާ ދޭޝް" އަދި "ސައްޗާ ޖޫޓާ" ހިމެނެ އެވެ.
ރީތި ލަވަތަކެއް ވެސް މުމްތާޒު ވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން ވެސް "އާޖް ކަލް ތެރެ މެރެ ޕިޔާރް ކެ ޗަރްޗޭ"، "ގޯރެ ރަންގް ޕެ ނަ އިތުނާ ގުމާނު ކަރް"، "ޖެއި ޖެއި ޝިވް ޝަންކަރް" އަދި "ބިނދިޔާ ޗަމްކޭގީ" ފާހަގަ ކޮށްލެވެ އެވެ. މުމްތާޒު ހިމެނިފައި ވަނީ އޭނާގެ ދައުރުގައި އެންމެ ނަލަކޮށް ހެދުންއެޅި ބަތަލާއަށެވެ.
މުމްތާޒު، 69، ގެ ދޮށީ އަންހެން ދަރިފުޅު ނަތާޝާ އަކީ އެކްޓަރު ފަރްދީން ޚާންގެ އަންހެނުންނެވެ. ފަރްދީން އާއި ނަތާޝާ އަށް ކުއްޖަކު ލިބިފައިވާއިރު ދެ ވަނަ ދަރިއަކަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އުރަމައްޗަށް ކެންސަރު ޖެހި މުމްތާޒު ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ބައްޔާ ހަނގުރާމަ ކޮށްފަ އެވެ. އަދި މިހާރު އޭނާގެ ބަލި ފަސޭހަވީތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ފެށުނީއްސުރެ ވެސް ބޮލީވުޑްގައި މުމްތާޒުގެ އެންމެ ބޮޑު އެކުވެރިއަކަށް ވީ 2012 ގައި މަރުވެފައިވާ ރާޖޭޝް ކަންނާ ކަމަށާއި ކެންސަރާ ހަނގުރާމަ ކުރި އިރުވެސް އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބުނީ ރާޖޭޝް ކަންނާގެ ފަރާތުން ކަމަށް މުމްތާޒު ކުރިން ބުނެފައިވެ އެވެ.