08 މެއި 2017 - 06:25

ނަސީބު، އަމަރް އަކްބަރް އެންތަނީ އަދިކަބީ ކަބީ ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވާ، މިހާރު އުމުރުން ދުވަސްވެފައިވާ ދެ ބަތަލުން ކަމަށްވާ ރިޝީ ކަޕޫރާއި އަމީތާބު ބައްޗަން އެކުގައި ފިލްމެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރިޝީ ކޮށްފައިވާ ޓުވީޓެއްގައި އޭނާ އާއި އަމީތާބާ އެކުގައި ކުޅޭ ފިލްމެއްގެ ސްކްރިޕްޓެއް އޭނާ އާއި ޓީމުން ކިޔަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އަދި އަމީތާބާ އެކު މަސައްކަތްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ރިޝީ ބުންޏެވެ.
އަމީތާބާއި ރިޝީ އެކުގައި "މެހެރުއްނިސާ" ކިޔާ ފިލްމެއް ކުޅުމަށް 2012 ގައި ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފިލްމު ފަށައިގަނެވޭ ގޮތެއް އޭރަކު ނުވި އެވެ.
ރިޝީ އަކީ އަބަދުވެސް އަމީތާބަށް ވަރަށް ތާއީދުކުރާ މީހެކެވެ. އެގޮތުން އަމީތާބު "ޕިންކް"ގައި ދައްކައިދިން ޕާފޯމަންސަށް ވެސް ރިޝީ ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. ރިޝީ ބުނި ގޮތުގައި އަމީތާބުގެ ރަން ޒަމާނުގައި ވެސް އޭނާ އާއި އެނޫންވެސް ބަތަލުން އަމީތާބު ހިނގި ފިޔަވަޅުމަތީގައި ހިނގޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީ އެވެ.
ރިޝީ، 64، އާއި އަމީތާބު، 74، އެންމެ ފަހުން އެކުގައި ފިލްމެއް ކުޅުނުތާ މިހާރު 34 އަހަރު ވެއްޖެ އެވެ.
އުމުރުން ދުވަސްވެފައި ހުއްޓަސް އަމީތާބަކީ މިހާރު ވެސް ޒުވާން އެކްޓަރުންނަށް ދޫނުކުރާ ބަތަލެކެވެ. އަދި ގިނަ އެކްޓަރުންނަށް ވުރެ މިހާރު ވެސް އޭނާއަށް މާ ރަނގަޅު ފިލްމުތައް ކުޅެން ލިބެ އެވެ.
އަމީތާބުގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ ރާމް ގޯޕާލް ވަރުމާ ޑައިރެކްޓްކޮށްފައިވާ "ސަރްކާރް 3" އެވެ. އަދި މިހާރު އޭނާ އަންނަނީ އާމިރު ޚާނާ އެކު ކުޅެން ހަމަޖެހިފައިވާ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ފެށުމަށް ތައްޔާރު ވަމުންނެވެ.
އަމީތާބާއެކު ފިލްމެއް ކުޅޭކަން ރިޝީ އިއުލާން ކުރި ނަމަވެސް އިތުރު ތަފްސީލު ލިބޭނީ ފަހުންކަމަށް އޭނާގެ ޓުވީޓްގައި ބުންޏެވެ.