18 ޖޫން 2016 - 23:43

މާސޭ، ފްރާންސް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީ އަތުން 1-0 އިން އައިސްލެންޑް މޮޅުވާން ދަނިކޮށް، އެ ޓީމުގެ ބިރްކިރް ސްވެވާސަން އަތުން ފަހު ވަގުތު ބައިކޮޅަށް ވަން ލަނޑާ އެކު މެޗު 1-1 އިން އެއްވަރުގެ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ހަންގޭރީ ޖެހިލައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރެއް ކަމަށްވާ ހަންގޭރީ އަތުން، ޔޫރަޕުގެ އެންމެ ކުޑަ އެއް ގައުމު ކަމަށްވާ އައިސްލެންޑް ތާރީހީ މޮޅެއް ހޯދަން ދަނިކޮށް ފަހު ވަގުތު އެއްވަރުވުމުން އެ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
މި ނަތީޖާއާ އެކު ހަތަރު ޕޮއިންޓް ހަމަކޮށް ހަންގޭރީ އޮތީ ގްރޫޕް އެފް ގެ އެއް ވަނައިގަ އެވެ. އެ ޓީމަށް ދަށްވެގެން، ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނުމުގެ ފުރުސަތު ބޮޑެވެ. ދެ ވަނައިގައި ދެ ޕޮއިންޓާ އެކު އައިސްލެންޑް އޮތްއިރު ތިން ވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ޕޯޗުގަލެވެ. އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ އޮސްޓްރިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އާބާދީގައި ތިން ލައްކަ މީހުން ހިމެނޭ އައިސްލެންޑުން ބޮޑު މުބާރާތެއްގައި އަލަށް ކުޅޭއިރު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަންގޭރީ އަށް ދުލެއް ނުދީ ކުޅެފަ އެވެ. އެ ޓީމުން ލީޑު ނެގީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގިލްފީ ސިގާސަން ޖެހި ލަނޑުންނެވެ. މި ޕެނަލްޓީއަކީ، ކޯނަރަކުން ހުރަސްވި ބޯޅައެއް ހަންގޭރީގެ ގޯލްކީޕަރު ގެބޯ ކިރާއީ ހިފަން އުޅުމުގެ ތެރޭ އޭނާ އަތުން ދޫވުމުން، އައިސްލެންޑުގެ ސިގާސަން ހޯދައި ގޯލަށް ޖަހަން އުޅެނިކޮށް އޭނާ ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ކީޕަރު ވެއްޓުނީ އައިސްލެންޑް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކަމަށް ބުނެ ހަންގޭރީ ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް، ރީޕްލޭ އިން ދައްކާ ގޮތުގައި ކީޕަރަށް އައިސްލެންޑް ކުޅުންތެރިޔާ ފައުލްކޮށްފައެއް ނުވެ އެވެ.
ދެ ވަނަ ހާފުގައި ހަންގޭރީން އެޓޭކްތައް ވަރުގަދަކުރި ނަމަވެސް އައިސްލެންޑަށް އަނެއްކާ ވެސް ޕެނަލްޓީއެއް ލިބުމާ ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ އަލްފްރޭސް ފިންބޯސަން ގައިގައި ހިފައި ހަންގޭރީގެ ޑިފެންޑަރަކު އޭނާ އޭރިއާ ތެރެއަށް ވައްޓާލި ނަމަވެސް ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ހަންގޭރީ އަށް ހަމަޖެހުމެއް ލިބުނީ 88 ވަނަ މިނެޓުގައި އެ ޓީމުގެ ނެމަންޔާ ނިކޮލިޗް ގޯލް ކުރި މައްޗަށް ހުރަސްކުރި ބޯޅަ އައިސްލެންޑުގެ ސެވާސަންގެ ފައިގައި ޖެހި ގޯލަށް ވަނުމުންނެވެ. އޭގެ ފަހުން އައިސްލެންޑުގެ ކެޕްޓަން އަދި ބާސެލޯނާގެ ކުރީގެ ތަރި އެއިޑޫ ގުޔޯންސަން ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު ހިލޭ ޖެހުމަކުން ބްލޮކްވެގެން އައި ބޯޅަ އޭނާ ފޮނުވާލުމުން، އެ ބޯޅަ ހަންގޭރީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.