07 މެއި 2017 - 14:15

ކަތުމަންޑޫ (މެއި 7) - ނޭޕާލުގެ އެވަރެސްޓް ފަރުބަދަ އަށް އަރާ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ހަދަން އުޅުނު އުމުރުން 85 އަހަރުގެ މީހަކު އިއްޔެ މަރުވެއްޖެ އެވެ.

ނޭޕާލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ބަހާދުރު ޝެރްޗަން ހަދަން އުޅުނީ ޖަޕާނުގެ ޔުޗީރޯ މިއުރާ 80 އަހަރުގައި އެވަރެސްޓް ފަރުބަދަ އަށް އަރައިގެން 2013 ވަނަ އަހަރު ހެދި ރެކޯޑް އާ ކުރުމަށެވެ. މިއުރާގެ ކުރިން ރެކޯޑް އޮންނަނީ ޝެރްޗަން އަށެވެ. އޭނާ ވަނީ 76 އަހަރުގައި 2008 ވަނަ އަހަރު އެވަރެސްޓް ފަރުބަދަ އަށް އަރައިގެން ރެކޯޑް ހަދައިފަ އެވެ. މި ފަހަރު އޭނާ އުޅުނީ މިއުރާގެ ރެކޯޑް މުގުރާލާށެވެ.

އެ ރެކޯޑް މުގުރާލަން ޝެރްޗަން ކުރިން ވެސް ވަނީ ދެ ފަހަރަކަށް މަސައްކަތް ކޮށްފަ އެވެ. ދެހާސް ތިން ވަނަ އަހަރު ޝެރްޗަން ވަނީ 81 އަހަރުގައި ފަރުބަދަ އަށް އަރައިގެން ރެކޯޑް ހަދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ފަހަރުގެ މަސައްކަތް ހުއްޓާލަން ޖެހުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި 2015 ވަނަ އަހަރު ވެސް ޝެރްޗަން ވަނީ ފަރުބަދަ އަށް އަރަން މަސައްކަތް ކޮށްފަ އެވެ. އެ ފަހަރު ފަރުބަދަ އަށް އެރުން ހުއްޓާލަން ޖެހުނީ ނޭޕާލަށް ކުރިމަތިވި ބިންހެލުމާ ގުޅިގެންނެވެ.
ނޭޕާލްގެ ޓޫރިޒަމް އޮފިޝަލަކު ބުނީ ބޭސް ކޭމްޕުގައި އިއްޔެ ޝެރްޗަން މަރުވި ކަމަށް ޑޮކްޓަރުން ބުނަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
"އަހަރެން ބޭނުން ވަނީ އެވަރެސްޓަށް އަރާ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ދަމަހައްޓަން. އަހަރެން ފަރުބަދަ އަށް އަރަން ބޭނުން ވަނީ އުމުރުގެ ސަބަބުން ކުރަން ބޭނުންވާ ކަމަކަށް ހުރަސް ނޭޅޭކަން ދައްކަން،" ޝެރްޗަން ބުނެފައިވެ އެވެ.
ފަރުބަދަ އަށް އެރުމުގެ މަސައްކަތް ޝެރްޗަން ފެށީ 1960 ވަނަ އަހަރު އެވެ. ނަމަވެސް އެވަރެސްޓް ފަރުބަދަ އަށް އެރުމުގެ ޚިޔާލު އައި އިރު ޝެރްޗަންގެ އުމުރަކީ 72 އެވެ.