08 މެއި 2017 - 06:29

ސިއްހީ ގޮތުން ނުރައްކާވާ މިންވަރަށް ހިކިކޮށް ތިބޭ މީހުން މޮޑެލްކުރުން މަނާކުރާ ގާނޫނަކަށް ފްރާންސްގައި އަމަލުކުރަން ފަށައިފި އެވެ.
މި ގާނޫނުގައި، ކޮންމެ މޮޑެލްއެއް ވެސް އެ މީހެއްގެ ސިއްހަތު ހުރީ އެކަށީގެންވާ ހާލަތެއްގައިކަން ކަށަވަރުކޮށްދިނުމަށް ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ. މި މިންގަނޑު ކަނޑައެޅުމުގައި ބަލަނީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ސިއްހީ ގޮތުން ގެއްލުންވާ ގޮތަށް ކެއުމުގެ އާދަ ބެހެއްޓުމާއި ރީތި ކަމަށް މީހުން ބަލައި އުޅޭ، އެކަމަކު އެކަށީގެން ނުވާ ފަދަ ހަށިގަނޑެއް ހޯދުމަށް ކޮށް އުޅޭ މަސައްކަތް ހުއްޓުވަން އެޅި ފިޔަވަޅެއް ކަމަށެވެ.
މި ގާނޫނުގައި ބުނާ ގޮތުން، މޮޑެލްއެއްގެ ފޮޓޯއެއް ޑިޖިޓަލްކޮށް އެޑިޓްކޮށްފައިވާ ނަމަ އެކަން އެ ފޮޓޯއެއްގައި ލިޔެފައި އޮންނަން ޖެހޭނެ އެވެ.
މި ގާނޫނާ ޚިލާފުވެއްޖެ ނަމަ 75،000 ޔޫރޯ (82،000 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް ނުވަތަ ހަ މަސް ދުވަހަށް ޖަލަށް ލެވޭނެ އެވެ.
ފްރާންސްގެ އިތުރުން އިޓަލީ އާއި ސްޕެއިން އާއި އިޒްރޭލުގައި ވެސް ވަނީ މޮޑެލް ކުރުމުގެ ނަމުގައި ސިއްހީ ގޮތުން ނުރައްކާވާ ފަދަ ކަންކަން ޕްރޮމޯޓްކުރުން ހުއްޓުވަން ފިޔަވަޅުތައް އަޅައިފަ އެވެ. ހަށިގަނޑު ވަކި ގޮތަކަށް ބަހައްޓަން ކުރާ މަސައްކަތާ ހެދި އެނޮރެކްސިއާގެ މައްސަލަ ވަނީ ބޮޑުވެ އެވެ. މި މައްސަލަ ހުންނަ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ.