އައިއޯއެސް 10 ޑިވެލޮޕަރުންނަށް އަދި ކިރިޔާ ދޫކޮށްލީ އެވެ. އެޕަލުން ޑިވެލޮޕަރުންނާ ހިއްސާކޮށްފައި ވަނީ އޮޕަރޭޓިން ސިސްޓަމްގެ ބީޓާ ސްޓޭޖެވެ. މާނަ އަކީ ފައްކާކުރަން ކިތަންމެ ކަމެއް އަދި ހުންނާނެ ކަމެވެ.

އައިއޯއެސް 10 އެ ހިސާބުގައި އޮއްވައި ޖެއިލްބްރޭކްކުރި ވާހަކަ އެ އޮތީ އިއުލާންކޮށްފަ އެވެ. ހެކަރުން އެ ކަހަލަ ކަންތައްތައް ކުރާ ކަމަށް ކުރީ ދުވަހު ވެސް ވާނީ ބުނެފަ އެވެ. އައިއޯއެސް ޚާއްސަކޮށްފައި ވަނީ އައިފޯނާއި އައިޕެޑަށެވެ. އައިއޯއެސް އަކީ އެޕަލްގެ "އައިޑިވައިސް"ތައް ހިންގާ އޮޕަރޭޓިން ސިސްޓަމެވެ.

އައިއޯއެސް 10 ބީޓާ ސްޓޭޖްގައި އޮއްވައި ޖެއިލްބްރޭކްކުރިން ސާބިތުކުރުމަށް، އެކަން ކުރި ހެކަރު ވަނީ ހެކި ވެސް ދައްކާފަ އެވެ. އިތުރަށް ބުނެދޭނެ އެއްޗެއް ނެތެވެ. ޔޫޓިއުބް ވީޑިއޯ ބަލާލާށެވެ.

އެޕަލް އިން އައިއޯއެސް 10 ތައާރުފުކޮށް ވާހަކަ ދައްކާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ސެން ފްރޭންސިސްކޯގަައި ބޭއްވި އެ ކުންފުނީގެ އަހަރީ ސަމިޓް ބައްދަލުވުން، "ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް"ގަ އެވެ. އައިއޯއެސް 10 ރަސްމީކޮށް އާންމު ޑައުންލޯޑަށް ދޫކޮށްލާނެ ވަކި ދުވަހެއް ނުބުނެ އެވެ.

އައިއޯއެސް 10 ބީޓާ ސްޓޭޖްގައި އުޅެނިކޮށް ޖެއިލްބްރޭކްކުރުން ވާނީ ނުކުރާ ކަމަކަށެވެ. އެޕަލުން ރަސްމީ އަދަދު ނެރޭއިރު އެ ހުރިހާ ބާތަކެއް ބައްދާނެކަން ކަށަވަރެވެ. އެއިރުން ހެކަރުންނަށް ޖެހޭނީ ކުރިން ކުރި ހުރިހާ މަސައްކަތެއް އަލުން ކުރާށެވެ. އައިއޯއެސްގެ ބައެއް އަދަދު އަދި ވެސް ޖެއިލްބްރޭކްނުކުރެވި ހުރިކަން ފާހަގަކުރަމެވެ.