07 މެއި 2017 - 11:52

ޕެރިސް (މެއި 7) - އެއް ދުވަސްވަރެއްގައި އެއީ ދަރިވަރަކާއި ޓީޗަރެކެވެ. ފަހުން އަންބަކާއި ފިރިއެކެވެ. މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ދެމަފިރިންނެވެ.

ފްރާންސްގައި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާ އިރު ގިނަ ބަޔަކު ދައްކާ އެއް ވާހަކައަކީ ރިޔާސީ ކެނޑިޑޭޓް އެމަނުއެލް މެކޮން އާއި އަނބިކަލުންގެ އުމުރުގެ ތަފާތެވެ. އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ މެކޮން އަށް 39 އަހަރެވެ. އަނބިކަނބަލުންނަށް 64 އަހަރެވެ. ދެބޭފުޅުންގެ އުމުރުގެ ތަފާތު 25 އަހަރެވެ. ފްރާންސްގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ދެއްކި ވާހަކަ އަކީ ވެސް މެކޮން އާއި އަނބިކަނބަލުން ބްރިގީތު މެކޮންގެ އުމުރުގެ ތަފާތެވެ. އެކަމަކު ފަސްޓް ލޭޑީ އަށް ވާނެ ކަމަށް ބެލެވޭ ފަރާތުގެ އުމުރު ދޮށިވުމަކީ ވެސް ވޯޓުލާ މީހުންނަށް މައްސަލައެއް ނޫނެވެ. އެއަށް ވުރެ އެ ދެމަފިރިންގެ ލޯބި މާ މުހިންމެވެ. މެކޮން ވިދާޅުވެފައި ވަނީ އޭނާގެ ބައްޕާފުޅާ އެއް އުމުރުގެ މީހަކާ ކައިވެނިކޮށްގެން އުޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ބްރިގީތުއާ ފުރަތަމަ ދިމާވަނީ މެކޮންގެ ހައި ސްކޫލް ދުވަސްވަރު އެވެ. އޭރު މެކްރޮންގެ އުމުުރުން 15 އަހަރެވެ. އަދި ބްރިގީތު އުޅުނީ އެހެން މީހަކާ ކައިވެނިކޮށްގެންނެވެ. ތިން ކުދިން ވެސް ވަނީ ލިބިފަ އެވެ. މި ކުދިން ވެސް މެކޮން އަށް ވުރެ ދޮއްޓެވެ. ބްރިގީތުގެ ދޮށީ އަންހެން ދަރިފުޅު ވެސް ދިޔައީ މެކޮންއާ އެއް ކްލާހެއްގައި ކިޔަވަމުންނެވެ. މެކޮންގެ އާއިލާ އިން ދެކޮޅު ހެދި ނަމަވެސް ބްރިގީތާ އެކު އޮތް ގުޅުން ދިޔައީ ފޯނު މެދުވެރިކޮށް ބަދަހި ކުރަމުންނެވެ. އެންމެ ފަހުން ބްރިގީތު ވަނީ ފިރިމީހާގެ ކައިރިން ވަރިވެފަ އެވެ. އަދި މީގެ 10 އަހަރު ކުރިން މެކޮން ވަނީ ބްރިގީތާ ކައިވެނި ކުރައްވައިފަ އެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މެކޮންގެ ކައިވެނީގެ ސަބަބުން ފްރާންސްގެ އަންހެނުންގެ މެދުގައި މެކޮންގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ.
އުމުރުން ދުވަސްވީ ބޭފުޅަކާ މެކޮން ކައިވެނި ބައްލަވައިގެންނެވި ނަމަވެސް ފްރާންސްގެ އެހެން ބައެއް ސިޔާސީ ލީޑަރުން ތަފާތެވެ. މިހާރުގެ ރައީސް ފްރާންސުވާ އޮލެންޑާ ވަނީ އެމަނިކުފާނަށް ވުރެ 18 އަހަރު ހަގު ބަތަލާއަކާ ގުޅުން ބާއްވަވައިފަ އެވެ.
އަނބިކަނބަލުންނާއި އުމުރުގެ ތަފާތު ސިޔާސީ ލީޑަރަކީ މެކޮން އެކަންޏެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުންގެ އުމުރުގެ ތަފާތު 23 އަހަރެވެ. ޓްރަމްޕަށް 70 އަހަރު، މެލަނިއާ އަށް 47 އަހަރެވެ. ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ އާއި އަނބިކަނބަލުން ކާލާ ބްރޫނީގެ އުމުރުގެ ތަފާތު 13 އަހަރެވެ.