މޫސަގެ ކޮލަމް: ދިވެހިން އެ ބުނި އެއްޗެއްގެ މާނަ އޮޅުވާނުލާތި!
މޫސަގެ ކޮލަމް: ދިވެހިން އެ ބުނި އެއްޗެއްގެ މާނަ އޮޅުވާނުލާތި!

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ބާރުގަދަ ސަރުކާރަށް ދިވެހި ރައްޔިތުން ދަނީ ނޫނެކޭ ބުނަމުންނެވެ. ވެރިރަށް މާލެ އާއި ދެން އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ސަރުކާރު ލައްދުގަންނުވާލައިފި އެވެ. އާބާދީ ބޮޑު އެހެން ގިނަ ރަށްރަށުން ވެސް ޕީޕީއެމަށް ދިނީ ފުރަގަހެވެ. އެކަމަކު ސަރުކާރާއި ޕީޕީއެމުން ރައްޔިތުންގެ މި ނިންމުމުގެ މާނަ ނުބައި ގޮތަކަށް ނަގާފާނެކަމުގެ ބިރު އެބަ އޮތެވެ؛ އޭގެ މިސާލަކީ ރޭގަނޑު 12 ޖަހަން އުޅެނިކޮށް އާސަންދަ ކުންފުނިން އާންމުކުރި "ޖެއްސުންކުރުމު"ގެ ނިންމުމެވެ. ސަރުކާރުގެ ތަންތަނުން ނޫނީ އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން މެދުކަނޑާލުމެވެ.

މޫސަގެ ކޮލަމް: ދިވެހިން އެ ބުނި އެއްޗެއްގެ މާނަ އޮޅުވާނުލާތި!
މޫސަގެ ކޮލަމް: ދިވެހިން އެ ބުނި އެއްޗެއްގެ މާނަ އޮޅުވާނުލާތި!

ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ރައްޔިތުން ދިން ވޯޓުގެ މާނަ ސަރުކާރުންނާއި ޕީޕީއެމުން ދެން ތަރުޖަމާކުރާނީ ތަރައްގީ ބޭނުންނުވުމާއި ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޫނެކޭ ބުނުން ކަމަށް ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! ރައްޔިތުން އިއްޔެ އެ ނިންމީ ކޮން ކަމެއް ހެއްޔެވެ؟ ހުދުމުހުތާރުކަމާއި (ހުރިހާ ބާރެއް މުށުތެރެއަށް ލުން) އަނިޔާވެރިކަމާއި ބޭއިންސާފާއި ހިޔާނާތާ ދިވެހިން ދެކޮޅުކަމެވެ. ވޯޓު ފޮށިން ފުރުސަތު ލިބިއްޖެ ނަމަ ދިވެހިން، ދިވެހިންގެ ހައްގުތައް ހިމާޔަތްކުރަން ފަސްނުޖެހޭނެކަމެވެ.

ޑިމޮކްރަސީގައި ރައްޔިތުންގެ އަތުގައި ޖެހެނީ ވޯޓު ފޮއްޓެވެ. އެ ވޯޓު ފޮށިން ނެރެދޭ ނަތީޖާ އިން މަންޒަރު ނިކަން ރަނގަޅަށް ސާފުވެ އެވެ. ސަރުކާރަށާއި، ކޯޓުން ރައީސް އަބްދުﷲ ޔަމީނާ ހަވާލުކުރި ޕީޕީއެމަށް، ދިވެހިންގެ ގިނަ ބަޔަކު ނޫނެކޭ ބުނެ ކުރަހާލި މަންޒަރުގައި ފުސްކަމެއް ނެތެވެ. އެ ބުނަނީ އަހަރެމެން އަނިޔާވެރިކަމާ ދެކޮޅެވެ. އަހަރެމެން ބޭއިންސާފާ ދެކޮޅެވެ. އަހަރެމެން ހިޔާނާތާ ދެކޮޅެވެ. އަހަރެމެން ގައުމުގެ މިނިވަން މުއައްސަސާތަކުގެ ބާރުތައް ކަނޑާލުމާ ދެކޮޅެވެ. އަހަރެމެން ރައްޔިތުންގެ މަޖިލިހުގައި މިހާރު އަގުލަބިއްޔަތު އޮތް ގޮތާ ދެކޮޅެވެ.

ޑިމޮކްރަސީގެ ހިމާޔަތުގައި އަޑުއުފުލާ މީހުން އަބަދުވެސް ބުނަމުން އެ އަންނަނީ ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތް ނޫން ކަމެވެ. (އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުން ހަމައެކަނި ނުފުދެ އެވެ.) ބްރިޖް ނޫން ކަމެވެ. (މާލެ/ހުޅުލޭ ބްރިޖަކުން ވެސް ހަމައެކަނި ނުފުދެ އެވެ.) ބަނދަރާއި ފެނާއި ނަރުދަމާ އާއި މަގުތައް ނޫން ކަމެވެ. ދިވެހިންގެ ގިނަ މީހުން އެ ބުނީ ޑިމޮކްރަސީގައި ތަރައްގީގެ ކަންކަމާ އެއްވަރަށް، ތެދުވެރިކަމާއި ހައްގުތައް ހިމާޔަތްކުރުމާއި ބާރުތައް މުށުތެރެއަށް ނުލުން ވެސް، އަންނަން ޖެހޭނެ ކަމަށެވެ.

އެކަމަކު ސަރުކާރާއި ޕީޕީއެމުން އެ އަޑު އަހާނެ ކަމާ މެދު މި އޮތީ ސުވާލު އުފެދިފަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދަ ކަނޑާލުމަކީ ރައްޔިތުންގެ ގިނަ މީހުންގެ ނިންމުން ސަރުކާރުން ބޮލައިލާ ޖެހިކަން އަންގައިދޭ ފުރަތަމަ އަމަލެވެ. އެގޮތަށް ގަބޫލުކުރަން ޖެހެނީ، ނުރަސްމީ ގަޑީގައި، ރޭގަނޑު ދަންވަރު އެފަދަ އެންގުމެއް ސަރުކާރުން ނެރުމުންނެވެ. ވޯޓުގެ ހުރިހާ ނަތީޖާއެއް އަދި ސާފު ވެސް ނުވެ އެވެ. ސަރުކާރަށް ވޯޓު ލީ މީހުންނާއި ދެކޮޅަށް ވޯޓު ލީ ރައްޔިތުން އަދި މި އުޅެނީ ވޯޓުގެ ކަންކަމުން ސަލާމަތް ވެސް ނުވެވިގެންނެވެ. އެފަދަ ހާލަތެއްގައި ރައްޔިތުން ތިއްބާ ސަރުކާރުން ފުރަތަމަ ވެސް ކުރަން ފެށީ ޖެއްސުންކަން ނޫން ގޮތަކަށް އާސަންދައިގެ ބަޔާން ބަލައިގަންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެ އެވެ.

ދިވެހިން ތިބީ ތަރައްގީ އަށް އެދިއެދި އެވެ. އާސަންދައިގެ ޚިދުމަތްތައް ސަރުކާރުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައި އޮތް ކަމާ މެދު ސުވާލެއް ނެތެވެ. ބިލްތައް ދެއްކުން ލަސްވިޔަސް، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮވެ އެވެ. އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލަށް ގެންނަ ތަރައްގީތައް ވެސް ދިވެހިން ބަލައިނުގަންނަނީކީ ނޫނެވެ. އެކަމަކު ސަރުކާރުގައި ހުރި ރަނގަޅު ކަންކަމުގެ މައްޗަށް އެޅިފައި ވަނީ އަނދިރިކަން ބޮޑު ހިޔަންޏެކެވެ: އަނިޔާވެރިކަމާއި ބޭއިންސާފާއި ހުދުމުހުތާރުކަމާއި ހިޔާނާތެވެ.

ފުލުހުންނާއި ޕީޖީ އާއި ކޯޓުތަކުން އިންސާފަށް މަސައްކަތް ނުކުރާ ނަމަ، ވަގަށް ނަގާފައިވާ ދިވެހި ރައްޔިތުންގެ 1.2 ބިލިއަން ރުފިޔާއާ މެދު އެ ރައްޔިތުން ގޮތެއް ނިންމާނީ ކޮން ތަނަކުން ހެއްޔެވެ؟ ވޯޓު ފޮށިންނެވެ. ސިޔާސީ ލީޑަރުންނާ ދެކޮޅަށް ސަރުކާރުން ދެމުން ދާ އަނިޔާތައް ހުއްޓުވާނެ އެހެން މުއައްސަސާއެއް ނެތް ނަމަ، ރައްޔިތުންގެ އިހުސާސްތައް ބަންޑުންކުރާނީ ކޮން ތަނަކަށް ހެއްޔެވެ؟ ހަމަ އެ ވޯޓު ފޮށިތަކަށެވެ. ކަންކަން ކުރަނީ އިންސާފުންނޭ، ކޯޓުތައް މިނިވަނޭ، މުއައްސަސާތަކަށް ނުފޫޒެއް ނުފޯރުވަމޭ، ސަރުކާރުންނާއި ޕީޕީއެމުން އަޑަށް ބާރު ލާފައި ބުންޏަސް، ދިވެހި ރައްޔިތުންނަށް ފެންނަނީ އެހެން ހަގީގަތެއްކަން އެ މީހުން އެ ވަނީ ބުނެ އަންގާފަ އެވެ. އާއެކެވެ. ހަގީގަތަކީ ސަރުކާރުގެ ވައްކަން ބޮޑުކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމެވެ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ނުބައި ނިޔަތެއް އޮތްކަން ރައްޔިތުންނަށް އެނގޭ ކަމެވެ.

އިއްޔެގެ ހަގީގަތް ސަރުކާރާއި ޕީޕީއެމަށް ގަބޫލުނުކުރެވެންޏާ ހިތާމަ ހުއްޓެވެ. އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ނުނަގަންޏާ، ސަރުކާރާއި ޕީޕީއެމުން އަދިވެސް އުޅެމުން އެ ދަނީ ޚިޔާލީ ދުނިޔެއެއްގަ އެވެ.

ދިވެހި ރައްޔިތުން ވޯޓު ލީ ތަރައްގީއާ ދެކޮޅަކަށް ނޫނެވެ. އެ ވޯޓުގެ މާނަ ސަރުކާރުންނާއި ޕީޕީއެމުން އޮޅުވާލައިގެން ނުވާނެ އެވެ.