08 މެއި 2017 - 06:26

ޑާކް ރެއިން އެންޓަޓައިމަންޓުން މިދިޔަ މަހުގެ ފަހެއްގައި އޮލިމްޕަހުގައި ރިލީޒް ކުރި ފިލްމް "މީ ލޯތްބަކީ" ގެ ވަދާއީ ތިން ޝޯ އަންނަ ހަފުތާގައި ދައްކަން ނިންމައި، އެ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ޑާކް ރެއިނުން ހައުސްފުލް ގިނަ ޝޯތަކެއް ދެއްކި ފިލްމުގެ ވަދާއީ ތިން ޝޯ އޮންނާނީ މި މަހުގެ 11، 12 އަދި 13 ވަނަ ދުވަހުގެ ރެ އެވެ.
މި ފިލްމް މިދިޔަ މަހުގެ ފަހެއްގައި ރިލީޒް ކުރުމަށް ފަހު، ހައުސްފުލް 17 ޝޯ ދައްކާފައި، ޝޯތައް އެޕްރީލް 21 ގައި މެދުކަނޑާލައި އަލުން ފިލްމް ދައްކަން ފެށީ މި މަހުގެ 4 ވަނަ ދުވަހުގެ ރެއިންނެވެ.
"މީ ލޯތްބަކީ" ގެ ޝޯތައް އޭރު މެދުކަނޑާލީ އޮލިމްޕަސް ކުރިމަތިން މަގު ކޮނެގެން ހަދާތީ، އެތަނަށް ވަދެ ނިކުތުމަށް ދިމާވި ދަތިތަކާ ހެދި އެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރި ދެވަނަ ރޮމޭންޓިކް ކޮމެޑީގެ ވަދާއީ ޝޯތަކަށް ހުޅުވާލި އިރު، ފިލްމުގެ އާ ޓްރެއިލާއެއް ވެސް ބެލުންތެރިންނަށް ވަނީ ދައްކާލައިފަ އެވެ.
މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބޮޑު ކާސްޓެއް ފެނިގެންދާ "މީ ލޯތްބަކީ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.