އިންތިހާބު ތެރޭގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
އިންތިހާބު ތެރޭގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

މުޅި ރާއްޖޭގައި މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ސިނާއީ ރަށްތަކާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި 470 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މުޅި އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓީ ފުލުހުންނެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކާއި ވޯޓު ފޮށި ރައްކާކުރާ ތަނުގެ ސެކިއުރިޓީ ވެސް ފުލުހުން ބެލެހެއްޓި އެވެ.

ފުލުހުން ބުނީ އިންތިހާބުގެ ތެރޭގައި ހަމަނުޖެހުން ހިންގައިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންނަ ކަމަށާއި ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. އެކަމަކު ބައެއް ވޯޓުފޮށިތައް ކައިރީ ޒުވާބު ކުރުން ފަދަ ކަންތައްތައް ހިނގި އިރު ފުލުހުން ވަނީ އެކަންކަން ކޮންޓްރޯލްކޮށްފަ އެވެ.

އިންތިހާބަށް ހާއްސަކޮށްގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށިއިރު އެކަމުގައި 3،000 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ބައިވެރިވި ހުރިހާ ފުލުހުންނަށް އިންތިހާބާ ގުޅޭ ތަމްރީނާއި ވިސްނަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ކުލާސްތައް ވަނީ ނަގައިދީފަ އެވެ. އަދި އިންތިހާބުގައި ފުލުހުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މަސައްކަތްތައް ބަހައްޓަންވީ ގޮތާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ފުލުހުންނަށް ސެޝަންތައް ހިންގާފައިވާ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.