ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި
ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި

އެމެރިކާގައި އުފަންވި ކުއްޖަކު، އެ ކުއްޖާގެ މަންމަ ދޭތެރެދުރުކުރުމަށް ލައްވާފައިވާ އިންޓްރާޔޫޓެރައިން ޑިވައިސް (އައިޔޫޑީ) ހިފައިގެން އޮއްވައި ނަގާފައިވާ ފޮޓޯއަކާ އެކު އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި
ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި

ޑެކްސްޓާގެ ނަން ދީފައިވާ މި ކުއްޖާގެ މަންމަ ލޫސީ ހެލީން މި ފޮޓޯ ފޭސްބުކްގައި ޝެއާކުރުމުން އެތައް ހާސް ބަޔަކު އެ ފޮޓޯ ޝެއާކުރި އެވެ. އެކަމަކު އޭނާ ފަހުން ވަނީ އެ ފޮޓޯ، އޭނާގެ ޕޭޖުން ނަގައިފަ އެވެ.

ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި
ދުނިޔެއަށް އައުމުގެ ހުރަހަކަށް ދޭތެރެދުރުކުރުމުގެ ވަސީލަތް ނުވި

ފޮޓޯގައި ކުއްޖާ އޮންނަނީ މަންމަ ދޭތެރެ ދުރުކުރަން ލެއްވި އައިޔޫޑީ އަތުން ހިފައިގެންނެވެ. ބައެއް މީހުން މަޖަލަކަށް ބުނެފައި ވަނީ އެ ކުއްޖާ ދުނިޔެއަށް އަޔަ ނުދިނުމަށް ބޭނުން ކޮށްފައިވާ އެއްޗަކަށް ވާތީ އެ ޑިވައިސް ހިފައިގެން އޮތީ ވަރަށް ރުޅިއައިސްފައި ކަމަށެވެ.

އެމެރިކާގެ އަލަބާމާގައި ދިރިއުޅޭ ލޫސީ ބަލިވެ އިނދެފައިވަނީ އެ ޑިވައިސް ލެއްވިތާ ތިން ހަފުތާ ފަހުންނެވެ. ބަލިވެ އިނުމާ ގުޅިގެން އެ ޑިވައިސް ނަގަން ޑޮކްޓަރުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ހީކުރީ ޑިވައިސް އަމިއްލައަށް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިއިރު ޕްލެސެންޓާ ނުވަތަ މަހުގެ ބިތްދޮށުން ޑިވައިސް ފެނުނީ އެވެ.

ޑެކްސްޓާގެ އަތަށް އައިޔޫޑީ ދީފައި، އެ ހިފައިގެން އޮއްވާ ނަގާފައިވާ ފޮޓޯ 70،000 މީހުން ޝެއާކުރި ފަހުން ނެގި ނަމަވެސް، އޭގެ ސްކްރީންޝޮޓްތައް ދައުރުވުމަށް ހުއްޓުމެއް ނާދެ އެވެ.

ލޫސީ ބުނި ގޮތުގައި އޭނާ އާއި ބައިވެރިޔާ ދަރިއަކު ބޭނުން ނުވާތީ އައިޔޫޑީއެއް ލެއްވި ނަމަވެސް އޭގެ ފަހުން މަހެއް ވެސް ނުވަނީސް ބަލިވެ އިންކަން އެނގުނެވެ. ލޫސީ ލެއްވީ މިރެނާ ކިޔާ ބްރޭންޑެއްގެ އައިޔޫޑީ އެކެވެ. މި ޑިވައިސް އިން ދޫކުރާ ހޯމޯންތަކުގެ ސަބަބުން، އަންހެންމީހާ ބަލިވެ އިނުމުން ދުރުކޮށްދެ އެވެ. ނަމަވެސް މިފަހަރު މި ޑިވައިސް މަސައްކަތްކުރާ ގޮތް ނުވީ އެވެ.

ނެޝަނަލް ހެލްތު އޮތޯރިޓީން ބުނާ ގޮތުގައި އައިޔޫޑީ އަކީ 99 ޕަސެންޓް ކާމިޔާބު އެއްޗެކެވެ.
ސިޒޭރިއަން ހަދައިގެން ޑެކްސްޓާ ނެގީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ އޭނާ އުފަން ވާނެކަމަށް ޑޮކްޓަރުން ލަފާ ކޮށްފައިވާ މޭ 4 އަށް ވުރެ އެއް ހަފުތާ ކުރިންނެވެ.

އަނެއްކާ ވެސް ބަލިވެ އިނދެދާނެތީ ލޫސީ މިފަހަރު ސިޒޭރިއަން ހެދިއިރު ވަނީ ފެލޯޕިއަން ޓިއުބުތައް ވެސް ނަގާފަ އެވެ. އިތުރަށް ދެން ބަލިވެ ނީންނާނެކަން ޔަގީން ކުރުމަށް ފަހު ލޫސީ ބުނީ "ކުދިން އުފައްދާ ފެކްޓްރީ ބަންދުކުރީ" ކަމަށެވެ.

އައިޔޫޑީ އަކީ "ޓީ" އަކުރެއްގެ ބައްޓަމަށް އިންނަ ޕްލާސްޓިކާއި ކޮޕާ އިން ތައްޔާރުކޮށްފައިވާ ކުޑަކުޑަ ޑިވައިސް އެކެވެ. މިފަދަ ޑިވައިސް ލެއްވުމުގެ ތަމްރީނު ހޯދާފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހަކު، ދަރިން ބޭނުން ނުވާ އަންހެނުންގެ ރަހިމަށް މި ޑިވައިސް ލައްވާދެ އެވެ.

މި އައިޔޫޑީން ކުރާ މަސައްކަތަކީ ދަރިފަންޏާއި ބިސް ފެލޯޕިއަން ޓިއުބު ނުވަތަ ރަހިމުގައި ދިރިތިބިޔަ ނުދިނުމެވެ. ދަރިން ހޯދަން ބޭނުން ވުމުން ފަސޭހައިން ނެގޭ މި ޑިވައިސް ލައްވާފައި ފަސް އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު އެއްވެސް މައްސަލައެއް ނުޖެހި ހުރެ އެވެ.