ސަލްމާންގެ "ޓިއުބުލައިޓް" އަކީ ހޮލީވުޑް ފިލްމެއްގެ ކޮޕީއެއް
ސަލްމާންގެ "ޓިއުބުލައިޓް" އަކީ ހޮލީވުޑް ފިލްމެއްގެ ކޮޕީއެއް

ސަލްމާން ޚާންގެ "ޓިއުބުލައިޓް"ގެ ފުރަތަމަ ޓީޒާ މިދިޔަ ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. ގިނަ ބަޔަކު ބުނަނީ ފިލްމުގެ ފުރަތަމަ އިޝްތިހާރު ވެސް ހިތްތަކާ ކުޅެލައިފި ކަމަށެވެ.

މި ފިލްމަކީ ހޮލީވުޑްގެ ފިލްމު "ލިޓްލް ބޯއީ"ގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމެއް ކަން ވެސް މިހާރު ވަނީ ޔަގީން ވެފަ އެވެ. އެކަން ޔަގީން ކުރެވުނީ ފުރަތަމަ އިޝްތިހާރުގައި ވެސް ޑައިރެކްޓަރު ކަބީރް ޚާން މި ފިލްމުގެ ވާހަކަ ހިމަނާފައި ވާތީ އެވެ.

"ލިޓްލް ބޯއި" އަކީ ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާ ފިލްމަކަށް ނުވިޔަސް ފިލްމުގެ ވާހަކައަކީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމަހައިގަނެވޭ ކަހަލަ ވާހަކަ އެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މި ފިލްމަކީ ކުޑަ ކުއްޖެއްގެ ހަޔާތުގައި އުފުލަން ޖެހޭ ދަތި އުނދަގޫތަކެއް ދައްކުވައިދޭ ފިލްމެކެވެ. ޖަޕާނު މީހުންނާ ހަނގުރާމައަށް ގޮސް ހުރި ބައްޕަ ހޯދުމުގެ މަސައްކަތް މި ކުއްޖާ މި ފިލްމުގައި ކުރެ އެވެ. މި ދަތުރުގައި އެ ކުއްޖާއަށް ފާދިރީ/ޖާދޫ ހަދާ މީހަކާ ބައްދަލުވެ އެވެ. އޭނާއަށް ޚާއްސަ ބާރުތަކެއް ލިބިގެންވާ ކަމަކަށް މި ކުއްޖާއަށް އެ މީހާ ވިސްނައިދެ އެވެ. އަދި ކުއްޖާގެ ބައްޕަ ހޯދުމުގައި އެހީތެރިވެ ދެ އެވެ.

ޓިއުބްލައިޓްގެ ބަތަލާ އަކީ ޗައިނާގެ ޒޫ ޒޫ އެވެ. އަދި ދާދިފަހުން މަރުވެފައިވާ އޯމް ޕޫރީ ވެސް ފިލްމުގައި މުހިއްމު ބައެއް ކުޅެފައިވެ އެވެ. އަދި ސަލްމާންގެ ކޮއްކޮ ސުހައިލް ޚާން ވެސް ފާހަގަކޮށްލެވޭ ބައެއް މި ފިލްމުގައި ކުޅެ އެވެ.

މިއީ "އޭކްތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އަށް ފަހު ސަލްމާން ޚާނާއި ޑައިރެކްޓަރު ކަބީރް ޚާން ގުޅިގެން އުފައްދާ ތިން ވަނަ ފިލްމެކެވެ.