07 މެއި 2017 - 07:16

އާމިރު ޚާންގެ "ދަންގަލް"ގައި އޭނާގެ ދަރިއެއްގެ ރޯލު އަދާކުރި ފާތިމާ ސަނާ ޝޭޚް އަށް "ތަގްސް އޮފް ހިންދުސްތާން"ގައި އާމިރުގެ ބަތަލާއެއްގެ ބައި ކުޅެން ލިބިއްޖެ އެވެ.
ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ އަމީތާބު ބައްޗަން ވެސް މުހިއްމު ރޯލެއް އަދާކުރާ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ. މި ފިލްމުގެ ބަތަލާއަކަށް ފާތިމާ ހަމަޖެހިފައިވާކަން ޔަގީން ކޮށްދެމުން ވިޖޭ ބުނި ގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކަމަށެވެ. އެހެންވެ މި ފިލްމަށް ބަތަލާއަކު ހޮވުމަށް ވަރަށް ބޮޑެތި ވޯކްޝޮޕްތައް ބާއްވައި އެކްޝަން ޓްރޭނިން ވެސް ބައެއް އެކްޓަރުން ލައްވާ ހެދި ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެމީހުންނަށް އެންމެ ކަމުދިޔައީ ފާތިމާ ކަމަށް ވިޖޭ ބުންޏެވެ.
އެކްޝަން މަންޒަރުތަކަށް ފާތިމާ މޮޅުވެފައި އޭނާއަކީ ވަރަށް ހިތްވަރާއެކު މޮޅަށް ޕާފޯމް ކުރަން ބުރަކޮށް މަސައްކަތްކުރާ އެކްޓަރެއް ކަން ޑައިރެކްޓަރު ފާހަގަކުރި އެވެ. އެހެންވެ ފާތިމާ ކަހަލަ އެ ރޯލަށް ފިޓްވާ ބަތަލާއަކު ލިބުނީތީ އުފާކުރާކަމަށް ވިޖޭ ބުންޏެވެ.
ފާތިމާ ވަނީ "ދަންގަލް"ގައި ގީތާ ޕޮންގަލް ކިޔާ ރެސްލިންތެޅުންތެރިއެއްގެ ރޯލު ވަރަށް މޮޅަށް ކުޅެފަ އެވެ.
ފާތިމާގެ ނަން ފައިނަލް ކުރުމުގެ ކުރިން އެހެން ބައެއް ބަތަލާއިން ފިލްމުގައި ބައިވެރިކުރާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އޭގެ ތެރޭގައި އާލިއާ ބަޓް އާއި ޝްރައްދާ ކަޕޫރު ފަދަ ތަރިންގެ ނަން ހިމެނެ އެވެ.
ނަމަވެސް ފާތިމާގެ ލުކް ޓެސްޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެ ފިލްމު އޭނާއަށް ލިބިފައިވާކަން ގިނަ ބަޔަކަށް ޔަގީންވި އެވެ.
މިއީ އާމިރު ޚާންގެ ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ވިޖޭ ކްރިޝްނާ އަޗާރިޔާ ކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން "ދޫމް 3" ގައި ވެސް އޭނާ ވަނީ އާމިރާ އެކު މަސައްކަތް ކޮށްފަ އެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ޚާނާއި އަމީތާބު ބައްޗަން ފުރަތަމަ ފަހަރަށް އެއް ފިލްމަކުން ފެންނާނެ ފިލްމެވެ. ފިލްމު އުފައްދާ ފަރާތުން ބުނާ ގޮތުގައި މިއީ ވަރަށް އާދަޔާޚިލާފު މޮޅު ފިލްމަކަށް ވާނެ އެވެ. އަދި ފިލްމުގެ ކެމެރާ ކުރުން ވެސް އެހެން ފިލްމުތަކާ ވަރަށް ތަފާތުވާނެ ކަމަށެވެ.
އަންނަ ޖޫން މަހު ޝޫޓިން ފަށާ މިފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ.