މީހެއްގެ ބަނޑުން 482 ހިލަކޮޅު ނަގައިފި
މީހެއްގެ ބަނޑުން 482 ހިލަކޮޅު ނަގައިފި

އިންޑިއާގެ ކަލްކަތާގެ ބަންކޫރާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ފަސް ގަޑިއިރަށް ދިގު ދެމިގެންދިޔަ ވަރަށް ބޮޑު އޮޕަރޭޝަނަކަށް ފަހު މީހެއްގެ ބަނޑުން 482 ހިލަކޮޅު ނަގައިފި އެވެ.

އަރްވިންދް ބާގް ނަމަކަށް ކިޔާ 20 އަހަރުގެ މި ޒުވާނާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސާތީ އުޅޭތާ އެތައް މަހެއް ވެއްޖެ އެވެ.އަދި ޕްރައިވެޓް ނާސިން ހޯމެއްގައި ބާއްވައިގެން ފަރުވާ ދޭތާ މަހެއްހާ ދުވަސް ފަހުން ހިލަކޮޅުތައް ނެގީ ބަންކުރާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސް މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

މި މީހާގެ ބައިލް ޑަކްޓްގައި ގިނަ އަދަދެއްގެ ހިލަ ހުރި ކަން ޑޮކްޓަރުން ފާހަގަ ކޮށްފައިވެ އެވެ. ބައިލް ޑަކްޓަކީ ލިވަ ނުވަތަ ފުރަމެ އާއި ކުޑަ ގޮހޮރު ގުޅުވާލަދޭ ހިމަ ހޮޅިތަކެވެ. ބައިލް ޑަކްޓްގެ އެންމެ މުހިއްމު މަސައްކަތަކީ ފުރަމެ އާއި ބްލެޑާ ގައި އުފެދޭ ބައިލް ކިޔާ ދިޔަވަރެއް ކުޑަ ގޮހޮރަށް ފޮނުވާ ދިނުމެވެ. ބައިލް އަކީ ކާއެއްޗެހީގައި ހުންނަ ފެޓްގެ ބައި ހަޖަމުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ.

އަރްވިންދްގެ ބައިލް ޑަކްޓް ދުޅަވެ ފުފިފައި ހުރުމުގެ ސަބަބުން މި ސާޖަރީ ވަރަށް ނުރައްކާ ކަމަކަށްވި އެވެ. ނަމަވެސް ސާޖަރީ ނުހެދިޔަސް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްލެއް ބޮޑުކަމުން ސާޖަރީ ހަދަން ޖެހުނީ އެވެ.

ޑޮކްޓަރުން މި އޮޕަރޭޝަން ކުރަން ފެށީ މި މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 11.00 ގަ އެވެ. އޮޕަރޭޝަނަށް ފަސް ގަޑިއިރު ހޭދަވި އެވެ.

އޮޕަރޭޝަން ކުރެއްވުމުގައި އިސްކޮށް ހުންނެވި ޑރ. އުޓުޕާލް ޑޭ ވިދާޅުވީ ބައިލް ޑަކްޓް ސްޓޯން އަކީ އާއްމުކޮށް ފެންނަ އެއްޗެއް ނަމަވެސް މިހާ ގނަ ހިލަތައް ހުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. މިއީ ނާދިރު ބައްޔެއްގެ ސަބަބުން އުފެދިފައިވާ ހިލަތަކެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ޑޮކްޓަރު ވިދާޅުވަނީ މިގޮތަށް ގިނަ އަދަދެއްގެ ހިލަ އުފެދެން މެދުވެރިވަނީ ބަނޑުގެ ތެރޭގައި ބޮޑެތި ފަނިތައް އުފެދި އެ ތަކެތި ބައިލް ޑަކްޓަށް ވަނުމަށް ފަހު އޭގެ ތެރޭގައި ތިބެގެން މަރުވާތީ ކަމަށެވެ. އެހެންވެ ފަނޑިތަކުގައި ބައިލް ޖޫސް ހޭކުމުން އެތައް ބައިވަރު ހިލަތަކެއް އުފެދެން މެދުވެރިވެ އެވެ.

ޑޮކްޓަރުން ވަނީ ހިލަތަކުގެ އިތުރުން އަރްވިންދްގެ ބައިލް ޑަކްޓް ވެސް ނަގާފަ އެވެ. އަދި އޭގެ ބަދަލުގައި އޭނާގެ ފުޑް ކެނަލްގެ ޓިޝޫ ބޭނުންކޮށްގެން މަސްނޫއީ ޑަކްޓެއް ތައްޔާރުކުރުމަށްފަހު ވަނީ ހަރުކޮށްފަ އެވެ.

މި ސާޖަރީ މިހާ ކާމިޔާބުވީ އޭނާއާ އެކު މަސައްކަތްކުރި ޓީމުގެ ކުޅަދާނަކަމުން ކަމަށް ޑރ. ޑޭ ވިދާޅުވި އެވެ. އަދި ކަލްކަތާގެ ޕީސީ ހޮސްޕިޓަލުގައި 1996 ވަނަ އަހަރު މިފަދަ މީހެއްގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ 20 އަހަރު، މިފަދަ ގޮތަކަށް ހިލަ އުފެދިފައި ހުއްޓާ ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.