ވިކްޓަރީގެ ޖާޒީގައި ކުޑަ އިންމަ ފުރަތަމަ ފަހަރަށް ނުކުންނަނީ
ވިކްޓަރީގެ ޖާޒީގައި ކުޑަ އިންމަ ފުރަތަމަ ފަހަރަށް ނުކުންނަނީ

މިިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު މި އަހަރު ވިކްޓަރީ އަށް ބަދަލުވި ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) މާދަމާ ފުރަތަމަ ފަހަރަށް ވިކްޓަރީގެ ޖާޒީގައި ކުޅޭނެ އެވެ.

ކުޑަ އިންމަ ވިކްޓަރީ އަށް ސޮއިކުރީ އެއްވެސް ކްލަބަކުން އަޅާނުލުމުން ކުޅުން ހުއްޓާލަން ވިސްނައިގެން ހުއްޓައި ރަނގަޅު ހުށަހެޅުމެއް ލިބުމުންނެވެ. ވިކްޓަރީ އަށް ކުޑަ އިންމަ ސޮއިކުރިއިރު، އެ ޓީމުން ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު ސީރިއާގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ގެނެސްފަ އެވެ. ވިކްޓަރީ އަށް ބަދަލުވުމަށް ފަހު ކުރިން ވެލެންސިއާ އަދި މާޒިޔާ އަށް ކުޅުނު ކުޑަ އިންމަ ބުނީ ޔޫސުފަށް ޗެލެންޖެއް ދޭނެ ކަމަށެވެ.

ވިކްޓަރީ މިހާތަނަށް ސީޒަނުގައި ކުޅުނު ހަ މެޗުގައި ވެސް އެ ޓީމު ގޯލު ބެލެހެއްޓީ ޔޫސުފެވެ. އެހެން ނަމަވެސް ވިކްޓަރީ ކޯޗު އަލީ ސުޒޭން މިއަދު ބުނީ މާދަމާގެ މެޗުގައި އެ ޓީމު ގޯލުން ފެންނާނީ ކުޑަ އިންމަ ކަަމަށެވެ.

"އިމްރާނަކީ (ކުޑަ އިންމަ) މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން. އިމްރާނަށް މި ފުރުސަތުދީގެން އެކަމާ ވިސްނަންޖެހޭނެ މާ ބައިވަރު ކަންތައްތަކެއް އޮތް ކަމަށް ނުދެކެން. އިމްރާން މި ފުރުސަތުގެ ބޭނުން ރަނގަޅަށް ތައްޔާރުވެގެން ހިފައިފިނަމަ އިރާދަކުރެއްވިއްޔާ ގައުމީ ޓީމުގައި އޭނާ ކުޅުމުގެ ފުރުސަތު އެބައޮތް،" އޭނާ ބުންޏެވެ.

ކުޑަ އިންމަ އަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ދިނީ ޔޫސުފް ކުޑަ އަނިޔާއެއްގައި ހުރުމުންނާއި އެހެން ކަންތައްތަކަށް ވެސް ބެލުމަށް ފަހު މި ވަގުތަށް އެންމެ ރަނގަޅު ނިންމުމަކީ އެއީ ކަމަށްވާތީ ކަމަށް ސުޒޭން ބުންޏެވެ.

"އޭނަ (ޔޫސުފް) ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުންނާއި ދެން އެހެން ކަންތައްތަކެއް ވެސް ހުރުމުން ރަނގަޅަށް ރިކަވާ ވެލަން ފުރުސަތު މިދިނީ. މިއީ އިމްރާން ބޭނުން ހިފައިފިނަމަ ވަރަށް މުހިއްމު ފުރުސަތެއް،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ކީޕަރުންގެ ތެރެއިން ފުރަތަމަ ޑިވިޝަންގައި ގަވައިދުން ކުޅޭ ކީޕަރަކީ ވެލެންސިއާގެ މުހައްމަދު ފައިސަލް އެވެ. ސުޒޭން ބުނީ ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ ރަނގަޅު ކީޕަރުން އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެން އަަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ގައުމީ ޓީމަށް ކީޕަރުން ނެތް ވާހަކަ. ގައުމީ ޓީމަށް މީހުން ނެތް ވާހަކަ. އެކަމު އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ވެސް ރާއްޖޭގައި ފެންވަރު ރަނގަޅު މޮޅު ކީޕަރު އެބަތިބި. އެ ކުޅުންތެރިންނަށް ބޭނުންވަނީ ކުޑަ ކުޑަ މޯޓިވޭޝަނެއް،" ސުޒޭން ބުންޏެވެ.

ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.