07 މެއި 2017 - 07:19

ގޫގުލް އިން ނުކުރެވޭ ކަމެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. ގޫގުލް އިން ސާޗްކޮށްގެން ނުހޯދޭ މައުލޫމާތެއް މަދުވާނެ އެވެ. އެހެންވެ ކޮންމެ ކަމެއްގައި ވެސް ގޫގުލް ވެފައި ވަނީ ވަރަށް ބޮޑު އެހީތެރިއަކަށެވެ.

އެކަމަކު ގޫގުލް ސާޗްކޮށްގެން މައުލޫމާތު ހޯދުމުގެ ބަދަލުގައި، ބައެއް ކަންކަން ގޫގުލް އިން ވަރަށް ފަސޭހައިން ކުރެވެ އެވެ. ވަކި ވަގުތަކަށް އެލާމްކުރުމާއި ޓައިމަރު ޖެއްސުމާއި ގޭމް ކުޅުން ފަދަ ކަންކަން ގޫގުލް އިން ވަނީ ވަރަށް ފަސޭހަކޮށްދީފަ އެވެ.

ވަކި ވަގުތަކަށް ކޮމްޕިއުޓަރު ނުވަތަ ފޯނު އެލާމްކޮށްލަން ބޭނުން ނަމަ ގޫގުލް ގައި Set timer to ލިޔެފައި، އެލާމްވާންވީ ވަގުތު ޖަހާށެވެ. ނުވަތަ ކައުންޓްޑައުން ގޮތަށް، ވަކި ވަގުތެއްގެ ފަހުން އެލާމްވާ ގޮތަށް ވެސް ހެދޭނެ އެވެ. މިސާލަކަށް 10 މިނެޓް ފަހުން އެލާމް ކޮށްލަން ބުނުމުން އެ ވަގުތަކަށް އެލާމް ވާނެ އެވެ.

ސިއްހަތާ މެދު ވިސްނައިގެން އުޅޭ މީހުން، ކާނާގެ ނިއުޓްރިޝަން ހުރި ވަރު ބަލަން ވަރަށް ބޭނުންވެ އެވެ. ނުވަތަ ކޮންމެވެސް ދެ ކާނާއެއް އަޅާކިޔާލަން ބޭނުން ވެދާނެ އެވެ. މިކަން ކުރުމަށް ކޮންމެވެސް ދެ ކާނާއެއްގެ ނަން ގޫގުލް އަށް ދޭށެވެ. މިސާލަކަށް، ޗީޒް ބާގާއަކާއި ސްޕަގެޓީގެ ނިއުޓްރިޝަންގެ ތަފާތު ބަލަން ބޭނުން ނަމަ ގޫގުލް ގައި Cheeseburger vs spaghetti ޖަހާށެވެ.

އިރު އަރާ ވަގުތާއި އޮއްސޭ ވަގުތު ބަލަން ބޭނުން ނަމަ ވެސް، ތަނެއްގެ ނަން ބުނެފައި، އެތަނަކަށް އިރު އަރާ އަދި އޮއްސޭ ގަޑިއަކީ ކޮބައިތޯ އެހުމުން އެ ވަގުތު ފެންނާނެ އެވެ.

ގޫގުލް ވެބްސައިޓް ތެރޭގައި ގޭމް ވެސް ކުޅެވޭނެ އެވެ. މިއީ ވަރަށް އާދައިގެ މަޖާ ގޭމެކެވެ. ގޫގުލް ސާޗް ގައި Zerg rush ލިޔެފައި އެންޓަ އަސް ފިތާލާށެވެ. ސްކްރީނުން ގޫގުލްގެ އޯ އަކުރުތައް ދުވަން ފަށައި، ގޭމަކަށް ބަދަލުވާނެ އެވެ.
ކަލްކިއުލޭޓަރު ވެސް އެޕްލިކޭޝަނުން ހުޅުވާނެ ކަމެއް ނެތެވެ. ގޫގުލްގައި calculator އޭ ބުނުމުން ކަލްކިއުލޭޓަރެއް ހުޅުވޭނެ އެވެ. ހަމަ އެގޮތަށް Tip calculator އޭ ޖަހައިފި ނަމަ ޕަސެންޓޭޖް ބަލަން ވަރަށް ފަސޭހަވާނެ އެވެ.
ފްލައިޓެއްގެ ދަތުރާ ބެހޭ މައުލޫމާތު ހޯދަން ބޭނުން ނަމަ ހަމަ އެކަނި ފްލައިޓް ނަންބަރު ގޫގުލްގައި ޖެހުމުން، ވަރަށް ތަފުސީލްކޮށް ދައްކާނެ އެވެ.
މިގޮތަށް ވަރަށް ގޫގުލް އިން ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. ޓީވީ ސީރީޒްތައް ރިލީޒްކުރާ ތާރީހަކީ ކޮބައިތޯ އެހިޔަސް، ފިލްމެއް އަޅުވާ ދުވަސް އެހިޔަސް ނުވަތަ ވަކި ފަންނާނެއްގެ ލަވަތަކުގެ ލިސްޓެއް ދޭން ބުންޏަސް ގޫގުލް އިން އެ ދައްކާނީ ވަރަށް ފުރިހަމަޔަށެވެ.