ފްރާންސްގެ ރިޔާސީ ކެނޑިޑޭޓުގެ ލިޔުންތައް ހެކްކޮށްފި
ފްރާންސްގެ ރިޔާސީ ކެނޑިޑޭޓުގެ ލިޔުންތައް ހެކްކޮށްފި

ޕެރިސް (މެއި 6) - ފްރާންސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އެމަނުއެލް މެކްރޮންގެ ކެމްޕޭން ލިޔުންތައް ހެކްކޮށް ފައިލްތައް އޮޅުވާލާފައިވާ ކަމަށް ބުނެފި އެވެ.

މެކްރޮންގެ ކެމްޕޭނުން ބުނީ ވޯޓުލާން ތިބި މީހުންނަށް އޮޅުވާލުމަށް އަސްލު ފައިލްތަކާއި ފޭކް ފައިލްތައް މަސްހުނިކޮށްލާފައިވާ ކަމަށެވެ. އަދި މިއީ ދެ ވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވާ އިރު މެކްރޮން އަށް ގެއްލުން ދިނުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ދެވަނަ ބުރުގައި މެކްރޮން ވާދަކުރާނީ ކަނާތު ފިޔައިގެ ކެންޑިޑޭޓް މެރިން ލެ ޕެންއާ އެވެ.

ކެމްޕޭން ލިޔުންތައް ލީކުކޮށްލާފައި ވަނީ ފައިލްތައް ޝެއާ ކުރާ ވެބްސައިޓެއް މެދުވެރިކޮށެވެ. ނުވަ ގިގަބައިޓުގެ ޑޭޓާ ވަނީ އޮންލައިންކޮށް ޕޯސްޓްކޮށްފަ އެވެ. ބޭޒާރު ކުރި ލިޔުންތަކުގެ ތެރޭގައި އެތެރޭގެ ކެމްޕޭން ލިޔުންތައް ކަމަށްވާ ތެރޭގެ އީމެއިލްތަކާއި ފައިނޭންޝަލް ޑޭޓާ ހިމެނެ އެވެ. ފައިލްތައް އާއްމުކޮށްފައި ވަނީ ކެމްޕޭން ކުރުމުގެ ރަސްމީ ގަޑި ރޭ ދަންވަރު 12 ޖަހާއިރު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. އެހެންވެ މާދަމާ ވޯޓުލާ ނިމުމަށް ފަހު ނޫނީ ކެންޑިޑޭޓުންގެ ފަރާތުން ނުވަތަ މީޑިއާ އަށް ވެސް އެކަމާ ގުޅޭ ވާހަކައެއް ނުދެއްކޭނެ އެވެ. ފްރާންސްގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގައި ވޯޓުލުން ނިމުމުން ނޫނީ، ލީކުކޮށްލި މައުލޫމާތު މީޑިއާތަކުން ހާމަ ނުކުރުމަށް އަންގައިފަ އެވެ. އެއީ ކެމްޕޭން ކުރުން މަނާ ވަގުތަށް ވާތީ އެވެ.

ލިޔުންތައް ލީކުކުރި މައްސަލަ މެކްރޮންގެ ޕާޓީން އެއްވެސް ބައެއްގެ ބޮލުގައި އަޅުވައިފައެއް ނުވެ އެވެ. ނަމަވެސް އެއީ ކެމްޕޭނަށް ގެއްލުން ދިނުމަށާއި ފްރާންސްގެ ޑިމޮކްރެސީ ހަލާކުކޮށްލަން ކޮށްފައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. ޓެކް ކުންފުންޏެއް ކަމަށްވާ ޓްރެންޑް މައިކްރޯ އިން މިދިޔަ މަހު ވަނީ މެކްރޮންގެ ކެމްޕޭން ހެކް ކުރަން ރަޝިޔާގެ ހެކަރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. މެކްރޮންގެ ކެމްޕޭން ހެކް ނުކުރާ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ކުރީގެ އިކޮނޮމީ މިނިސްޓަރު މެކްރޮން އުޅުއްވަނީ ލެ ޕެން އަށް ވުރެ 20 ޕަސެންޓް ކުރީގަ އެވެ.

މެކްރޮން އާއި ލެ ޕެން ދެ ވަނަ ބުރަށް ހޮވުނީ އެޕްރީލް 23 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވާދަކުރި 11 ކެންޑިޑޭޓުންގެ ތެރޭން އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. މާދަމާގެ ވޯޓުލުމުގެ ނަތީޖާ މާދަމާ ރޭ ސާފުވި ނަމަވެސް ރަސްމީ ނަތީޖާ ފްރާންސްގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން އިއުލާން ކުރާނީ މެއި 11 ވަނަ ދުވަހު އެވެ. މިހާރުގެ ރައީސް ފްރާންސުވާ އޮލެންޑާގެ ދައުރު ހަމަވާނީ މެއި 14 ވަނަ ދުވަހު އެވެ.