18 ޖޫން 2016 - 20:41

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވާހަރާކޮށްލިކަމުގެ ތުހުމަތުގަައި ހައްޔަރުކޮށް ދައުވާ އުފުލި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ފައިގަ ފުލުހުން ޓެގް އެޅުވުމުން އެކަމާ އެމްޑީއޭގެ ޒުވާނުން ރުޅިގަދަވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ސަޓޯގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރުމުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ މިނިވަންވެފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޒުވާން މެމްބަރުންތަކެއް ހިންގާ ވައިބާ ގްރޫޕެއްގައި ވަނީ ސަޓޯގެ ފައިގައި ޓެގް އެޅުވުމުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގްރޫޕްގައި ހިމެނޭ އިކޫ ކިޔާ މީހަކު ބުނެފައި ވަނީ ބައިބަލާއަށް ސަޓޯ ބޭނުންވާ ކަމަށާއި އޭނާ ނެތުމުން އެއީ އެމްޑީއޭ އަށާއި ކުޑަހެންވޭރަށް ލިބޭނެ ވަރަށް ބޮޑު ގެެއްލުމެއް ކަމަށެވެ. އަދި އޭނާ ހުރީ ސަޓޯއާ އެކީ ކަމަށް ބުނެފައިވެ އެވެ.
"ވަޅި ހަރާ މީހުންގެ ގައިގައި ޓެގް އެޅުވުމުގެ ބަދަލުގައި އިނޮސެންޓް ރަނގަޅުވެފައި ތިބި ޒުވާނުންގެ ފައިގަ ޓެގްއެޅުވީމަ ވާގޮތް މިހާރު ގައުމުން އެ ފެންނަނީ. ކޮންމެ ދުވަހަކު ވަޅި ހަރާ ކޮންމެވެސް ޒުވާނެއް ނޫނީ ކުޑަ ކުއްޖެެއް މަރާލެވިގެން މިދަނީ،" އިކޫ ބުނެފައިވެ އެވެ.
އެ ވައިބާ ގްރޫޕްގައި އަހުމަދު ޝާހިދު ކިޔާ މީހަކު ބުނެފައި ވަނީ ޓެގް އަޅުވަންވީ އުމަރު (ހޯމް މިނިސްޓަރު އުމަރު ނަސީރުގެ) ފައިގައި ކަމަށެވެ.
އެ ގްރޫޕްގެ ތެރޭގައި ވާހަކަދައްކަމުން އަނީސް ކިޔާ މީހަކު ބުނެފައި ވަނީ އެމްޑީއޭ އިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެން ފެންނަ ކަމަށެވެ.
"މިއީ ގައުމީ ބޮޑު މުސީބާތެއް. މިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ގައުމީ ފެންވަރުގައި ހާއްސަ މަސައްކަތްތަކެއް ކުރަން ވެއްޖެ ކަމަށް ދެކެން،" އަނީސް ބުނެފައިވެ އެވެ.
އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު ރީޚާން އެ ގްރޫޕްގައި ވިދާޅުވެފައި ވަނީ އެމްޑީއޭގައި ތިބި "ކުށެއް ނެތް ޕޮލިސް ރިޕޯޓް ކްލިއާ ޒުވާނުންގެ ޓެގް އެޅުވީމަ ކަޑަ ދޯ" އޭ ކަމަށެވެ.
މާލެ ތެރޭގައި މީހުން މެރުމާއި މަރާމާރީ އިތުރުވުމާ ގުޅިގެން ހޯމް މިނިސްޓަރުގެ އެންގެވުމަށް މޮނިކޮމް އޯޑަރުގެ ދަށުން 14 މީހެއްގެ ފައިގަ ޓެގް އަޅުވާފައިވެ އެވެ.