06 މެއި 2017 - 06:07

ލޮލުގެ ކަޅީގައި ގަދަ މުށި ކުލަ ހުންނަ މީހުން، ވިލު ކުލަައިގެ ކަޅި ހުންނަ މީހުންނަށް ވުރެ ކަންކަމަށް ރައްދު ދިނުން އަވަސްވެދާނެ ހެއްޔެވެ؟ އަދި ފެހި ކުލައިގެ ކަޅި ހުންނަ މީހުންނަށް ލޮލުގެ ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟
ބައެއް ސައިންސްވެރިންނާއި ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި ލޮލުގެ ކުލަޔަށް ބަލައިގެން ސިއްހީ މައްސަލަތައް ލަފާކުރެވިދާނެ އެވެ.
"ކްލިނިކަލް ގޮތުން ބަލާ ނަމަ ލޮލުގެ ކަޅީގެ ކުލަ މަޑު ނަމަ އަލީގެ ސަބަބުން ލޮލަށް ކުރާ ބާރު ބޮޑުވާނެ،" އެމެރިކަން އެކަޑަމީ އޮފް އޮޕްތޮމޮލޮޖީގެ ރައީސްކަށް އިންތިޚާބުކޮށްފައިވާ ރުތު ވިލިއަމްސް "އެވްރިޑޭ ހެލްތް" އަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އަޅި، ފެހި އަދި ނޫ ކުލަ ފަދަ ކުލަތައް ހުންނަ ކަޅީގައި އަލި ފުރޭނިގެން ދިއުމަށް އޮންނަ ޖާގަތައް ބޮޑު ކަމާށާއި މިގޮތަށް އަލި ވަނުން އިތުރު ނަމަ ކެންސަރުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ. އެހެން ދިމާވަނީ އަލްޓްރާ ވައިލެޓް (ޔޫވީ) ދޯދިތައް ބޮޑަށް ފުރޭނިގެން އަންނަ ގޮތެއް ނުހުންނާތީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ކުލަތަކުގެ ކަޅި ހުންނަ މީހުން ޔޫވީ އިން ރައްކާތެރިކޮށްދޭ އައިނު އެޅުން ބުއްދިވެރި ކަމަށެވެ.
ލޮލުގެ ކަޅީގައި މަޑު ކުލަތައް ހުންނަ ގިނަ މީހުންނަކީ ގައިގެ ހަމުގެ ކުލަ ވެސް އަލި މީހުންނަށް ވާތީ، މިއީ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ވެސް ބޮޑު މީހުންނެވެ.
ޔުނިވަސިޓީ އޮފް ލޫވެލް އިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، މުށި ކުލައިގެ ކަޅި ހުންނަ މީހުން އެތުލެޓިކްގެ ބައެއް ހަރަކާތްތަކުގައި ރިއެކްޓްކުރުން، އެހެން ކުލަތަކުގެ ކަޅި ހުންނަ މީހުންނަށް ވުރެ ކުޑަ ތަންކޮޅެއް އަވަހެވެ. އެކަމަކު މިއީ މިކަން މިގޮތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ދިރާސާއެއް ނޫނެވެ.
"އަޅުގަނޑުގެ ތަޖުރިބާގައި، މީހެއްގެ ކަޅީގެ ކުލަޔަށް ބުރަވެ، އެ މީހެއްގެ ހަރަކާތްތައް ހުންނާނެ ގޮތް އަންދާޒާ ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ،" ލޫވެލް ޔުނިވަސިޓީގެ އޮޕްޓޮމެޓްރިސްޓް ގުއަޑަލޫޕް މެޖިއާ ވިދާޅުވި އެވެ.
މި ހޯދުންތަކުގެ ނަތީޖާ މިގޮތަށް އައިސްފައި މި ވަނީ ލޮލުގެ ކުލަޔަކީ މީހާގެ ސިއްހަތު ލަފާކުރަން ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ބައެއް ދިރާސާތަކުގައި ބުނެފައި ވަނިކޮށެވެ.
ކޮންމެ ގޮތެއް ވިޔަސް، ލޮލާ މެދު ވަރަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ލޮލަށް އަންނަ ބަދަލުތަކާ މެދު އާދައިގެ ގޮތަކަށް ވިސްނުން ނުބަހައްޓާ ޑޮކްޓަރުންގެ ލަފާ ހޯދަންވާނެ އެވެ. -- އިންޑިޕެންޑެންޓް