06 މެއި 2017 - 06:06

ދުންފަތުގެ އިސްތިއުމާލުކުރުމާއި އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާއި ހަރަކާތްތެރިކަން ކުޑަވުން ފަދަ، ހާޓް އެޓޭކަށް މަގުފަހިވާ ކަންކަން ހުންނަ މީހުންގެ ތެރޭގައި ވެސް ހާޓް އެޓޭކެއް ޖެހިދާނެ ކަމަށް ނުވިސްނާ، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަން ބޭނުން ނުވާ މީހުން ވަރަށް ގިނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކެނެޑާގެ އޮޓާވާ ހެލްތު އިންސްޓްޓިއުޓުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ހާޓް އެޓޭކް ޖެހުމަށް މެދުވެރިކުރުވާ ފަސް ކަމެއް ނުވަތަ އެއަށް ވުރެ ގިނަ ކަންކަން ހުންނަ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ އެ މީހުންގެ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުނުކުރާ މީހުންނެވެ.
ނަމަވެސް މި މީހުން މިގޮތަށް ދެކެނީ ކީއްވެގެން ކަމެއް ދިރާސާގައި ބަލައިފައެއް ނުވެ އެވެ.
"ހާޓް އެޓޭކް ޖެހުމަށް މެދުވެރިވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކާއި އެ މީހެއްގެ އުޅުން ބަހައްޓާ ގޮތާ މެދު ހުރީ އޮޅުންބޮޅުން ބޮޑު ގުޅުމެއް،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އެފް. ޑެނިއެލް ރަމިރޭޒް ވިދާޅުވި އެވެ.
ނަމަވެސް މިއީ ސިއްހީ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ލިބިފައި ނެތުން ނުވަތަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގެންގުޅޭ ވިސްނުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޑރ. ރަމިރޭޒް އާއި އޭނާގެ ޓީމުން ވަނީ ބުނެފަ އެވެ.
ޑރ. ބެންޖަމިން ހިބާޓް އެމެރިކަން ހާޓް އެސޯސިއޭޝަންގެ ނިއުސް ރިިލީޒެއްގައި ވިދާޅުވެފައި ވަނީ މީހުންގެ ދިރިއުޅުމުގެ އާދަ ބަދަލުކުރުމަށް، އެ މީހުން ބަލިވާ ހަގީގީ ސަބަބުން ވިސްނައިދޭން ޖެހޭނެ ކަމަށެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނެފައި ވަނީ އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތަށް ހުރަސްތައް އެބަހުރި ކަމަށެވެ. އެގޮތުން، ސިއްހީ ނުރަނގަޅު ކަންކަމަށް އާދަވެފައި ހުރުމާއި މަސައްކަތުގެ ސަބަބުން ވަގުތު ނުވުމާއި އާއިލީ ކަންކަމާ ހެދި ވަގުތު ނުވުން ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާ މި މަހުގެ ތިން ވަނަ ދުވަހުގެ، އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.