05 މެއި 2017 - 16:17

ޕިއޮންޔޮން (މެއި 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އެމެރިކާގެ ސީއައިއޭ އާއި ސައުތު ކޮރެއާގެ އެޖެންޓުން ރާވަމުންދާ ކަމަށް ޕިއޮންޔޮން އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީއައިއޭ އާއި ސއުތު ކޮރެއާގެ ޖާސޫސީ އެޖެންސީން އެހީވެގެން ބަޔޯ-ކެމިކަލް މާއްދާއެއް ބޭނުންކޮށްގެން ކިމް ޖޮން-އުން އަވަހާރަކޮށްލަން ޓެރަރިސްޓުންގެ ގްރޫޕެއް ނޯތު ކޮރެއާ އަށް މިހާރު ވަދެފައިވާ ކަމަށެވެ. ހަމަލާ ދޭން ރާވާފައި ވަނީ ކިމް ބައިވެރިވާ ހަފުލާއެއްގެ ތެރޭން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޓެރަރިސްޓުން ހޯދާ އެއްވެސް ރަހުމެއް ނެތް ގޮތުގައި އެ މީހުން ނައްތާލާނެ ކަމަށް ވެސް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ މެދުވެރިކޮށް އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކިމް އަވަހާރަކޮށްލަން ޓެރަރިސްޓުން ވަނީ ރޭޑިއޯއެކްޓިވް އަދި ވަރަށް ވިހަ ގަދަ މާއްދާތައް ބޭނުން ކުރަން ރާވާފައި ކަމަށެވެ.
ކިމް އަވަހާރަކޮށްލަން އުޅޭ ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވާ އިރު އެމެރިކާއާ އެކު ވަނީ ބަހުގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ކޮރެއާ ޕެނިންސުލާގައި އެމެރިކާ އިން އަސްކަރީ ތަމްރީނުތައް ބާއްވަމުންދާ އިރު ނޯތު ކޮރެއާ އިން ވަނީ ހަ ވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކިމް ޖޮން-އުންގެ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން ވަނީ މެލޭޝިއާ އެއާޕޯޓުން ފުރަން ގޮސް ހުއްޓާ ވިހަ މާއްދާއެއް ބޭނުންކޮށްގެން މަރާލައިފަ އެވެ.