އިންތިހާބާ ދިމާކޮށް ޕާޓީގެ އިސް ބޭފުޅުން ފުލުސް އޮފީހަށް ގެންދިއުމަކީ ހުރަހެއް: ޖޭޕީ
އިންތިހާބާ ދިމާކޮށް ޕާޓީގެ އިސް ބޭފުޅުން ފުލުސް އޮފީހަށް ގެންދިއުމަކީ ހުރަހެއް: ޖޭޕީ

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕާޓީގެ ލީީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް އަދި ޕާޓީގެ އިސް ބައެއް ބޭފުޅުން ފުލުސް އޮފީހަށް ގެންދިއުމަކީ، އިންތިހާބުގެ މަސައްކަތްތަކާއި ޕާޓީ ހިންގުމުގެ ގާނޫނީ ޒިންމާ އަދާކުރަން އެޅޭ ހުރަހެއް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޖޭޕީން ނެރުނު ބަޔާނުގައި ބުނީ ޕާޓީގެ ހުރިހާ ކަމެއް ވެސް ހިންގަން ޖެހޭނީ، ޕާޓީގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ލީޑަރުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ނަމަވެސް ގާސިމް ހައްޔަރުކޮށް ޖަލު ބަންދުކޮށްފައި ވަނީ އެއްވެސް ހުކުމަކާ ނުލައި ކަމަށާއި ޕާޓީގެ ކަންކަމުގައި މަޝްވަރާކުރަން އެދުމުން، ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން ވަކި ބަޔަކަށް ބައްދަލުނުކުރެވޭނެ ކަމަށް ޕޮލިސް ކަސްޓޯޑިއަލް އިން ބުނެފައިވާ ކަމަށް ޖޭޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ޕާޓީތައް ހިންގަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުގެ ދަށުން ކަމަށް ވެފައި، ސިޔާސީ ޕާޓީތަކުގެ ކަންކަން ހިންގަމުންދާ ގޮތާއި އެކަންކަން ބެލުމަށް ގާނޫނުން ކަނޑައަޅާފައިވާ ދައުލަތުގެ ވަކި މުއައްސަސާއެއް ހަމަޖެހިފައި ހުރިއިރު އަދި ގަވާއިދުން ހުށަހަޅަން ޖެހޭ އެންމެހާ ރިޕޯޓުތައް މި ޕާޓީން ހުށަހަޅާފައިވާއިރު، ކަމާ ގުޅޭ ދައުލަތުގެ އިދާރާއިން ކަންކަން ބެލުމުގެ ބަދަލުގައި، މި ޕާޓީން ހިންގަމުންދާ ސިޔާސީ މަސައްކަތްތައް ހިންގަމުން ދާ ގޮތާ ގުޅޭ ގޮތުން ޕާޓީގެ ވަކިވަކި މެމްބަރުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި، މައުލޫމާތެއް ސާފުކޮށްލަން ކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކުރަމުންދާ ދިއުމާ މެދު މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ،" ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިދިޔަ މަހު އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން ގާސިމްގެ މައްސަލަ ތަހުގީގުކުރަން 15 ދުވަސް ޖަހައިފަ އެވެ. ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރާނެ އެވެ.

ގާސިމް ހައްޔަރުކުރި ފަހުން، ޖޭޕީގެ އިސް ބައެއް ބޭފުޅުން ދޭތެރެ ދޭތެރެއިން ފުލުހަށް ހާޒިރުކުރުވަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.