06 މެއި 2017 - 06:10

އާމިރް ހާންގެ ފިލްމްތަކަށް ލޯބިކުރާ މީހުން އޭނާގެ ފިލްމް "3 އިޑިއަޓްސް" މަތިން ދުވަހަކު ވެސް ހަނދާން ނެތޭނެހެން ހިއެއް ނުވެ އެވެ.
ރާޖްކުމާރް ހިރާނީ 2009 ގައި ޑައިރެކްޓަރު ކުރި އެ ފިލްމަކީ ބޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ފިލްމެވެ. މިއީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދި ފިލްމެވެ.
އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗެތަން ބަގަތުގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން" އަށް ބިނާކޮށް ހެދި "3 އިޑިއަޓްސް" ވަނީ އިންޑިއާގައި ވާހަކަ ދައްކާ ތަމަޅަ ބަހުން ވެސް ކުރިން އުފައްދައިފަ އެވެ.
އެކަމަކު މި ފަހަރު "3 އިޑިއަޓްސް" ދައްކާނީ މެކްސިކޯ ބަހުންނެވެ.
ކޮލެޖެއްގައި ކިޔަވާ ގާތް ތިން ރައްޓެހިންނާއި އެ މީހުންގެ ގޮތްދޫނުކުރާ ހަރުކަށި ޕްރިންސިޕަލާ ދެމެދު ހިނގާ މަޖާ ކަންތައްގަނޑެއްގެ މައްޗަށް ހަދާފައިވާ "3 އިޑިއަޓްސް" އަށް ބިނާކޮށް މިހާރު ވަނީ މެކްސިކޯގައި ފިލްމެއް ހަދައިފަ އެވެ.
އޭގެ ނަމަކީ "3 އިޑިއަޓާސް" އެވެ. މެކްސިކޯ ބަހުން ހަދާފައިވާ ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި އާމިރްގެ "3 އިޑިއަޓްސް" އާ އެއްގޮތަށް "3 އިޑިއަޓާސް" ވެސް އެހާމެ މަޖާ ވާނެ އެވެ. ޓްރެއިލާ މިއޮތީ އެވެ. ބަލައިލާށެވެ.
މި ފިލްމުގައި އާމިރް ކުޅުނު ރޯލް ކުޅެފައި ވަނީ އަލްފޮންސޯ ޑޯސަލް އެވެ. އާރް މަދަވަންގެ ރޯލް ކްރިސްޓިއަން ވަޒްގޭޒް ކުޅެފައިވާ އިރު ޝަރްމަން ޖޯޝީގެ ރޯލް ކުޅެފައި ވަނީ ޖާމަން ވަލްޑޭޒެވެ. އަދި ބަތަލާ ކަރީނާ ކަޕޫރްގެ ރޯލުން ފެނިގެން ދާނީ މާތާ ހިގަރޭޑާ އެވެ.
"3 އިޑިއަޓާސް" ޑައިރެކްޓްކޮށްފައި ވަނީ ކާލޯސް ބޮލާޑޯ އެވެ. މި ފިލްމް ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހުގެ 2 ގަ އެވެ.