އިލްމާއި ހިލްމުގެ ހުނަރަކީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު މިނިވަންކަން
އިލްމާއި ހިލްމުގެ ހުނަރަކީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު މިނިވަންކަން

މި ލިޔުންކޮޅު ކިޔާލަން ތިބާ ބޭނުންވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ، މި ލިޔުމުން ކޮންމެވެސް އާ މައުލޫމާތުތަކެއް ލިބޭނެކަމުގެ އުއްމީދުގައި ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ މިފަދަ ލިޔުންތަކުން ލިބިދާނެ ކޮންމެވެސް ކަހަލަ އަގުހުރި ނަސޭހަތެއްގެ އުއްމީދުގައި ކަމަށް ވުން ވެސް އެކަށީގެން ވެ އެވެ. ފަހަރުގައި، ތިބާ މި ލިޔުން ކިޔާލުމުގެ މަގްސަދަކީ މިފަދަ ހުސް ވަގުތުކޮޅެއްގައި އެއްޗެއް ކިޔާލައިގެން ލިބިދާނެ ހިތްހަމަޖެހުން ކަމަށް ވުން ވެސް އެކަށީގެން ވެ އެވެ. މިއިން ކޮންމެ ސަބަބަކާ ހެދި ނަމަވެސް، ކިޔުމުގެ އާދަ އިސްކޮށް، ތިމާގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރުމަކީ މީހާ ބާރުވެރިކުރުވާ އަދި އެއިން އެމީހަކަށް ހިތް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

އަޅުގަނޑު ކުޑައިރު، އަޅުގަނޑުގެ ބައްޕަ ވަރަށް އަގުހުރި ހަދިޔާއެއް އަޅުގަނޑަށް ދެއްވި އެވެ. އެއީ، އަޅުގަނޑު ފޮތްތަކަށް އަހުލުވެރި ކުރުވައި ފޮތް ކިޔުމުގެ ރަނގަޅު އާދަ އަޅުގަނޑުގެ ކިބާގައި އަށަގެންނެވުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ތަފާތު ވައްތަރުގެ ފޮތް ކިޔުމަކީ އަޅުގަނޑު ވަރަށް ގަޔާވާ ކަމަކަށް ވެގެން ދިއުމެވެ. މިސާލަކަށް، ސައިންސާއި، ހިސާބާއި، ފިލޯސަފީ ފޮތްތައް، ކީރިތި ގުރުއާން، ރަސޫލާގެ ސުންނަތާއި ސިޔަރަތު، ތައުލީމުއް ދިޔާނާ، ދުރޫސުލް އަހްލާގު އަދި ބޮޑު ތަރުތީބު ފަދަ ފޮތްތަކެވެ. އެހެންކަމުން، ފޮތް ކިޔުމަކީ މިހާރު ވެސް އަޅުގަނޑަށް އެންމެ ގަޔާވެގެން ކުރެވޭ އެއް ކަމެވެ.

އެކަމަކު ހަގީގަތެއް ދަންނަވަންތޯ އެވެ؟ ތައުލީމު އުނގެނުމަކީ ހަމައެކަނި ފޮތެއްގެ ދެލިގަނޑު ސިކުނޑިއަށް ނަގައިގަތުމެއް ނޫނެވެ. އެއީ ސެޓްފިކެޓް ބޮނޑިއެއް ހާސިލު ކުރުމެއް ވެސް ނޫނެވެ. އަދި މީހަކު ބުނާ އެއްޗެއް ނުވަތަ މީހަކު ތަނެއްގައި ލިޔެފައި އޮތް އެއްޗެއް އޭގެ ތެދުދޮގާ މެދު ވިސްނާނުލާ ގަބޫލު ކުރުމެއް ވެސް ނޫނެވެ. ހަގީގީ އުނގެނުމަކީ މީހާ މުޅިން އެހެން މަރުހަލާއަކަށް ވާސިލު ކޮށްދެވޭ އެއްޗެކެވެ. އެއީ، ތިމާ ދަސްކުރާ އެއްޗެއްގެ މައްޗަށް ބުރަވެ އަމިއްލަ ސިކުނޑިން ވިސްނަން ދަސްކުރުމެވެ. ސިކުނޑި ހުޅުވަން ދަސްކުރުމެވެ. އަދި އުނގެނޭ ތަކެއްޗާ މެދު ފިކުރު ހިންގައި އޭގައި އަމަލީ ކުލަ ޖައްސަން ދަސްކުރުމެވެ.

ތަފާތު ފޮތްތައް ކިޔައިގެން ނުވަތަ އެނޫން ވެސް ގޮތްގޮތަށް ހޯދާ މައުލޫމާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ދަސްވެއްޖެ ނަމަ މީހާއަށް އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހަގީގީ މިނިވަންކަން އިހްސާސް ކުރެވޭނެ އެވެ. ޖެހިލުން ކުޑަވެ ތިމާ އެހެން މީހުންނަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވާނެ އެވެ. އެހެން މީހުންގެ ފަރާތުން ތިމާގެ މައްޗަށް ނޭދެވޭ ބާރު ފޯރުވުމަށް އޮންނަ މަގު ހަނި ވާނެ އެވެ. އެހެންކަމުން، އުނގެނިފައިވާ އެއްޗެއްގެ ބޭނުން ތިމާގެ ސިކުނޑިން ހިފަން ދަނެގަނެވޭ ހިސާބަކީ، ލިބިފައިވާ އިލްމާއި ހިލްމުން، އެމީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭ ހިސާބެވެ. އަދި ހަގީގީ މިނިވަންކަން ލިބިގަނެވޭ ހިސާބަކީ ވެސް އެއީ އެވެ.