05 މެއި 2017 - 13:51

ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދަށް ކުރިމަތިވެވަޑައިގެންނެވި ކަންކަމުގެ "ހިތްދަތި އިހުސާސްތައް"، ލޯކަލް ކައުންސިލްގެ އިންތިޚާބާ ދިމާކޮށް، އިއްޔެ ބަންޑުންކޮށްލައްވައިފި އެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތާއި އަމިއްލަ ދިރިއުޅުމުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަންތައްތަކުން ޖަމީލްގެ ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ކުރިކަން، ފޭސްބުކްގައި ލިއުއްވި ލިއުމުން އެނގެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި "މާމަ ނިޔާވި އިރު މޫނު ވެސް ދެކޭނެ ފުރުސަތެއް ނުލިބުމަކީ" އެންމެ ހިތްދަތިވި އެއް ވަގުތެވެ.

"އެއް އަހަރު ވަންދެން ކުދިންގެ ސްކޫލް މެދުކެނޑި މި ހުރިހާ އަނިޔާއެއް ތަހައްމަލްކުރީ ﷲ ކޮންމެ ކަމެއްގައި ވެސް މަތިވެރި ހިކުމަތްތަކެއް މިންވަރު ކުރައްވާފައިކަން ގަބޫލްކޮށް،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވި ގޮތުގައި އެހެން ގައުމެއްގައި އަމިއްލަ އަށް އަރުވާލެއްވިގެން ހުންނެވީ "މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރި މަގާމުން ދުރުކޮށް،" އަދި""ދޮގު އިލްޒާމްތަކެއް ތުހުމަތު"ގެ ސަބަބުންނެވެ.
"މިދިޔަ ދުވަސްތަކުގައި އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރީ ގައުމަށް ހެޔޮ ގޮތް ހޯދައި ދޭން،" އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލް ވިދާޅުވި އެވެ.
"ޕީޕީއެމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީ އިހުލާސްތެރިކަމާއި ހީވާގީކަމާ އެކުގައި."
ނަމަވެސް މިއަދުގެ ސަރުކާރުން ރާއްޖޭގައި އަނިޔާވެރިކަން އާންމުކޮށް، އިންސާފު ގެއްލި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ "ތަކެތީގެ އަގު ބޮޑުވެ، ބައިތުލްމާލަށް ހިޔާނާތްތެރިވެ، ބިރުވެރިކަމާއި ނާމާންކަން އާންމުވެ މުޅި ގައުމުގެ ހާލަތު މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ހާލަތަކަށް ވެއްޓިފައި،" ވާ ކަމަށެވެ.
އެކަމަކު އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު މިއޮތް ހާލަތަށް ބަލާއިރު މިއީ އާއިލާ އާއި ރައްޓެހިންނަށް ބެލުމަށް ވުރެ ގައުމު އިސްކުރަންވީ ވަގުތެވެ.
"މިއީ އިންސާނީ ހަމަހަމަކަމާއި އުސޫލަށް ބަލަންވީ ވަގުތު،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވި ގޮތުގައި މިއަދު ފަހަތަށް އެނބުރި ބަލާ އިރު، މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އެންމެހައި ފަރާތްތަކަށް ވަނީ ކުރިން ހެދުނު ގޯހެއްގެ ހިތި ނަތީޖާ ތަޖުރިބާ ކުރަން ޖެހިފަ އެވެ.
"މުޅި ރައްޔިތުންނަށް ވެސް މި ވަނީ 2015 ގެ ޖޫން މަހު މަޖިލީހުގައި ހެދި ގޯހުގެ ހިތި ނަތީޖާ ފެނިފައި،" ޖަމީލް ވިދާޅުވި އެވެ.
"އަދީބް ހައްޔަރުކޮށް، ބޯޓް ގޮއްވާލި ހިސާބުން ވެރިކަމާ އުޅެނީ ކާކުކަން ވެސް ފަޅާއެރި އިރު ވެސް ރައްޔިތުންގެ ކިބައިން ރައިީސް ޔާމީން މާފަށް އެދިވަޑައިނުގަތުމުން މިއީ ގަސްތުގައި އަޅުގަނޑަށް ދިން އަނިޔާއެއްކަން ސާބިތުވޭ."
ޖަމީލް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވިހާ ގޮތެއް ހަދަން ތިބި މަޖިލިސް މެމްބަރުންނަށް ވެސް އުސޫލަކީ ވަކި މީހަކާ ހަމަވީމާ ބަދަލުވާ އެއްޗެއް ނޫންކަން މިއަދު އިހުސާސް ކުރެވޭނެ ކަމަށެވެ.
"ގައުމުގެ ހާލަތު ގޯސްވެ، ގައުމު ވިއްކައި ތަކެތީގެ އަގު ބޮޑުވެ، ސިޔާސީ އެންމެންނަށް އަނިޔާ ލިބި، ގައުމު ދަރަނިވެރިވެ، ރައްޔިތުންނަށް ވައުދުވި ގިނަ ކަންތައްތައް ވަނީ މިއަދު ހަނދާން ނައްތާލާފައި،" އެމަނިކުފާން ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުން މިިއަދު ވެސް ތިބީ ފަގީރު ހާލަތުގަ އެވެ.
"އެ މީހުން ތިބީ ގެދޮރުވެރިކަން ނެތި، ސިއްހަތާއި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތަށް ޖެހިފައި. ގިނަ ބަޔަކަށް ލިބޭ މިންވަރަށް ވުރެ ގިނައިން ހޭދަކުރަން ޖެހުމުން ސަލާން ޖެހުމުގެ ސަގާފަތް ވަނީ އަނބުރާ ރުޖޫއަވެފައި،" ޖަމީލް ވިދާޅުވި އެވެ.
އެހެންވެ އެމަނިކުފާނު ވިދާޅުވީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިކުމެ، ރައްޔިތުންގެ ސަލާމަތަށް ގޮތް ނިންމަން ޖެހޭ ކަމަށެވެ.
"އިންސާފާއި އަދުލުވެރި ނިޒާމެއް ހޯދުމަށްޓަކައި އުތުރާއި ދެކުނުން އައްޑު އާއި ފުވައްމުލަކުން އަދި މުޅި ރާއްޖޭގެ ރައްޔިތުން ސަރުކާރަށް ވަރުގަދަ މެސެޖެއް ދީ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން،" ޖަމީލް ވިދާޅުވި އެވެ.