ވޯޓު ގުނާ ނިމެންދެން ގެއަށް ނުވަދެ ތިބުމަށް އެމްޑީޕީން ގޮވާލައިފި
ވޯޓު ގުނާ ނިމެންދެން ގެއަށް ނުވަދެ ތިބުމަށް އެމްޑީޕީން ގޮވާލައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނާ ނިމެންދެން އެމްޑީޕީގެ ހުރިހާ މެމްބަރުން ގެއަށް ނުވަދެ ތިބުމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ ގޮވާލައްވައިފި އެވެ.

ވޯޓު ގުނާ ނިމެންދެން ގެއަށް ނުވަދެ ތިބުމަށް އެމްޑީޕީން ގޮވާލައިފި
ވޯޓު ގުނާ ނިމެންދެން ގެއަށް ނުވަދެ ތިބުމަށް އެމްޑީޕީން ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ސަޕޯޓް ހޯދުމަށް މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ވޯޓު ލާ ނިމުމުން އެ އިންތިހާބު އަދި ނުނިމޭ ކަމަށެވެ. އަދި މި ސަރުކާރަކީ މަކަރުވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރު އޮވެގެން ބާއްވާ ކޮންމެ އިންތިހާބެއް ވަރަށް ގާތުން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ކަމުން އަޅުގަނޑުމެން އަދި ވޯޓު ލާ ނިންމާލިއަސް ވެސް އެ ވޯޓު ގުނާ، ވޯޓުގެ ނަތީޖާ އިއުލާންކުރުމާ ހަމަޔަށް އަޅުގަނޑުމެން ގެއަށް ނުވަދެ ތިބެން އެބަ ޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވޯޓު ގުނާ ނަތީޖާ އިއުލާންކުރަންދެން، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން އެމްޑީޕީގެ ހުރިހާ މެމްބަރުން މަގުމަތީ ތިއްބެވުމަށް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އެއްވެސް އިންތިހާބެއްގައި ނުކުރެވޭ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ނިންމާލެވެނީ ހައެއްކަ އަށެއްކަ މަސްދުވަހުގެ ވަރަށް ވަރުގަދަ ކެމްޕޭނެއް. އިންތިހާބު ބާއްވަން ފުރަތަމަ އިއުލާންކުރި ތާރީހުން ފެށިގެން މިހާރު ފަސް މަސް ދުވަސް ފާއިތުވެގެން ހިނގައްޖެ. އޭގެ ކުރިން އަޅުގަނޑުމެން ކެމްޕޭން ފެށީ މުޅި ރާއްޖޭގައި އަޑުގަދަކޮށް، ކުލަ ގަދަކޮށް އެމްޑީޕީން މިދިޔައީ ކެމްޕޭން ކުރަމުން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މި ފަހަރު ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި މީގެ ކުރިން އިންތިހާބެއްގައި ނުކުރާހާ ގިނަ މަަސައްކަތްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހެންޏާ ނުކުރެވޭ ވަރަށް ދަތުރުކުރެއްވިއްޖެ. އެހެންޏާ ބައްދަލުނުކުރެވޭ ވަރަށް އަޅުގަނޑުމެންގެ ރައްޔިތުންނާ ބައްދަލުވެވިއްޖެ. އެ މީހުންގެ ހާލު ބެލިއްޖެ. އެ މީހުން އެދޭ ކަންކަމުގެ މައުލޫމާތު އެއްކުރެވިއްޖެ. އެހެންކަމުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އިންތިހާބުގައި ވޯޓުލުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް މިވަނީ ކޮށް ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިފަހަރު އިންތިހާބަށް އެހެން އެއްވެސް ޕާޓީއަކަށް ތައްޔާރުނުވޭހާ ފުރިހަމައަށް އެ ޕާޓީން ތައްޔާރުވެފައިވާ ކަމަށެވެ.

"ދެން އޮތީ އަޅުގަނޑުމެންނަށް ހިސާބު ދިމާކުރުން. އަޅުގަނޑުމެންނަށް ފެނުނު މަންޒަރުތައް، އަޅުގަނޑުމެން މި ދުށް މަންޒަރުތަކާ އަޅުގަނޑުމެން ލާ ވޯޓު ދިމާކުރުން. އެކަން ކުރެވޭނީ އިންތިހާބުގައި ވޯޓުލައިގެން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވަނީ ހޮނިހިރު ދުވަހު މެންދުރު 12ގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓުލުމަށް ގޮވާލައްވައިފަ އެވެ. އަދި އެ ދުވަހު އެންމެ ކުރިން ވޯޓުލާ ބަޔަކަށް އެމްޑީޕީގެ މެމްބަރުން ވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.