ސަބް ޓައިޓްލް ނުކިޔައި އަޑުއަހަން ބުނި މައްސަލާގައި ކްރިސް ޕެޓް މާފަށް އެދެފި
ސަބް ޓައިޓްލް ނުކިޔައި އަޑުއަހަން ބުނި މައްސަލާގައި ކްރިސް ޕެޓް މާފަށް އެދެފި

ޖުރަސިކް ވޯލްޑާއި ގާޑިއަންސް އޮފް ދަ ގެލެކްސީ ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕެޓް އިސްޓަގްރާމަށް ލީ ވީޑިއޯއަކާ ގުޅިގެން، އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން މައާފަށް އެދިއްޖެ އެވެ.

އޭނާ އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ވީޑިއޯއެއް ބަލާއިރު، ސަބް ޓައިޓްލް އަށް ބަރޯސާވުމުގެ ބަދަލުގައި ސިސްޓަމްގެ އަޑު ބާރުކޮށްގެން ނަމަވެސް، އަޑު އަހަންވީ ކަންފަތުން ކަމަށެވެ.

އޭނާގެ މި ވާހަކަ ގިނަ ބަޔަކު ސިފަކުރީ އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ކުރި މަލާމާތެއްގެ ގޮތުގަ އެވެ. އެހެންވެ ކްރިސްގެ އެ ވީޑިއޯގައި އޭނާ ދެއްކި ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.

އެހެންވެ އޭނާ ވަނީ ހެދުނީ ގޯހެއްކަން އަމިއްލަ އަށް ގަބޫލުކޮށް، މައާފަށް އެދިފަ އެވެ. ކްރިސް މައާފަށް އެދުނު އިސްޓަގްރާމް ވީޑިއޯގައި ވާހަކަ ދައްކާފައި ވަނީ އިޝާރާތުގެ ބަހުރުވައިންނެވެ.

އޭނާ ބުނީ އަޑު ބާރުކޮށްގެން ވީޑިއޯ ބެލުމަށް ބުނީ އެއްވެސް ބަޔަކަށް ގަސްތުގައި ފުރައްސާރަ ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެކަހަލަ އެއްވެސް ނިޔަތެއް ނެތް ކަމަށް ބުންޏެވެ.

އެކަމަކު އެކަހަލަ ވާހަކައެއް ދެއްކުނީތީ، އަޑު އިވުމުން މަހުރޫމުވެފައިވާ ހުރިހާ މީހުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.

"އަހަންނަށް މިހާރު ގަބޫލު ކުރެވޭ ސަބް ޓައިޓްލްއަށް އެތައް ބަޔަކު ބަރޯސާވާކަން. އަދި އެއީ އެ މީހުންގެ އަމިއްލަ ޗޮއިސްއެއް ނޫންކަން ވެސް ގަބޫލު ކުރަން. ވަރަށް ބޮޑަށް މައާފަށް އެދެން،" ޕެސެންޖާގެ އެކްޓަރު ބުންޏެވެ. "އަހަރެން ދަންނަ މީހުންނާއި ގާތް ބައެއްގެ މީހުންގެ ތެރޭގައި ވެސް ބީރު މީހުން އެބަ ތިބި."

ކްރިސް ބުނީ އޭނާ ނިސްބަތްވާ އެމެރިކާގައި އެކަނި ވެސް، އަޑު އިވުމުން މަހުރޫމުވެފައިވާ 38 މިލިއަން މީހުން އެބަތިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިސްޓަގްރާމްގައި ދެއްކުނު ވާހަކަތަކަށް މައާފަށް އެދުމަށް ފަހު، އޭނާ ވަނީ އިސްޓަގްރާމް ކަހަލަ ސޯޝަލް ޕްލެޓްފޯމްތައް އޮޕަރޭޓް ކުރާ ކުންފުނިތަކަށް ހިޔާލެއް ވެސް ދީފަ އެވެ.

"އިސްޓްގަރާމް ވީޑިއޯތަކުގައި ދައްކާ ވާހަކަތައް އޮޓޮމެޓިކުން ސަބް ޓައިޓްލް ކުރެވޭ ކަހަލަ ޓެކްނޮލޮޖީއެއް އެ މީހުން އީޖާދު ނުކުރަނީ ކީއްވެބާ؟" ކްރިސް ބުންޏެވެ. "އެހެން ނޫނީ އެ ނޫން ކޮންމެވެސް އޮޕްޝަނެއް އޮތުން ވެސް ރަނގަޅު."