އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ތައްޔާރީތަކުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފި
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ތައްޔާރީތަކުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފި

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު އެމްއެންޑީއެފަށް މިއަދު ދީފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާލެއާއި ރަށްރަށުގައި ފުލުހުން ވެފައިވާ ތައްޔާރީތަކާއި އިންތިޒާމްތަކާ ގުޅޭގޮތުން މައުލޫމާުތު ހިއްސާކޮށްފައި ކަމަށެވެ. އަދި އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، އެކި ހާލަތްތަކުގައި ސިފައިގެން ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ކޮމާންޑަރު ހަމްދޫން ރަޝީދާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދާއި ސްޕްޝަލިސްޓް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް މުހައްމަދު އަދި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކާނަލް އަބްދުލް ރައޫފް އާއި މާލޭ އޭރިޔާގެ އިސްވެރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމުތަކެއް މާލެ އާއި ރަށްރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.