04 މެއި 2017 - 16:13

މޮގަދިޝޫ (މެއި 4) - ސޯމާލިއާ ސިފައިންނަށް އޮޅިގެން ދެވުނު ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ ޒުވާން މިނިސްޓަރު މަރާލައިފި އެވެ.
އުމުރުން 31 އަހަރުގެ އަބްދުﷲ ޝެއިޚް އައްބާސް އަށް ސޯމާލިއާ ސިފައިން ހަމަލާ ދިނީ ރިޔާސީ ގަނޑުވަރު ކައިރީގައި މިނިސްޓަރުގެ ކާރުގައި އިންނަވަނިކޮށެވެ. ސިފައިން ބުނެފައި ވަނީ މިނިސްޓަރު ކާރަށް ހަމަލާ ދެވުނީ އެއީ ހަނގުރާމަވެރިން ދުއްވި ކާރެއް ކަމަށް ހީކޮށް ކަމަށެވެ. ސޯމާލިއާގައި އަލް ޝަބާބު ހަނގުރާމަވެރިންގެ ބާރު ގަދަ އެވެ.
ރެފިއުޖީ ކޭމްޕެއްގައި ބޮޑުވި އައްބާސް ވަނީ އެންމެ ޒުވާން މެންބަރުގެ ގޮތުގައި ނޮވެމްބަރު މަހު ޕާލަމެންޓުން ގޮނޑި ހޯއްދަވައިފަ އެވެ. އަދި ޕަބްލިކް ވޯކްސް މިނިސްޓަރުކަން ދީފައި ވަނީ ފެބްރުއަރީ މަހު އެވެ.
މިނިސްޓަރު މަރާލުމާ ގުޅިގެން ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދު ފަރުމާޖޯ ވަނީ އިތިއޯޕިއާ އަށް ކުރައްވާ ދަތުރު ކުރުކޮށްލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. އަދި ވަނީ މިނިސްޓަރު މަރާލި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އަންގަވައިފަ އެވެ. އިންފޮމޭޝަން މިނިސްޓަރު އަބްދުއްރަހުމާން އުސްމާން ވިދާޅުވީ މިނިސްޓަރުގެ މަރާ ގުޅިގެން ވަރަށް ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.